ސްޓެލްކޯގެ އިންޒާރާ އިލްތިމާސަށް ނުބަލާ ބިރެއްނެތި ޓްރާންފޯމަރުތަކުން ވައްކަންކުރަން އުޅުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށްބުނެ ސްޓެލްކޯއިން ދެމުން ގެންދާ އިންޒާރުތަކަށް ބެލުމެއް ނެތި ވައްކަންކުރަން އުޅެވޭކަމުގެ ހިތާމަ މިއަދު މިވަނީ ކުރިމަތިވެފައެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާ ވަނީ މަރުވެފައި. އެމިހާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި."
މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެންމެންވެސް ސަމާލުކލަންދޭންޖެހޭ ކަމެކެވެ. ސަރުކާރުން ވަކިންބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ސަބަބަކީ ފުރާނަ އަތްމައްޗަށް ލައިގެން ތިބެ ވައްކަން އެކުރަނީ ވަގަށް ނަގާތަކެތި ފައުޅުގައި ވިއްކޭނެ ބާޒާރެއް އޮތުމުންނެވެ. ގަންނަ ބައަކު ތިބޭތީއެވެ. ފައުޅުގައި ވިޔަފާރި ކުރަމުން ގެންދާއިރުވެސް ފިޔަވަޅެއް ނުއެޅޭތީއެވެ.
ވަގަށްނަގާ ލޯނަރާއި ފޯނާއި އެނޫންވެސް ތަކެތި ގަނެގެން ވިޔަފާރިކުރާ ފިހާރަތއް ހުރިކަން ފުލުހުންނަށް އެނގެންވާނެއެވެ. ނުއެނގޭނަމަ އެއީ ހިތާމަހުރިކަމެކެވެ. ރީއެކްސްޕޯތްކުރާ ފަރާތްތަކުގެ ތެރޭގައިވެސް ވަގަށްނަގާ ތަކެތީގެ ވިޔަފާރިކުރާ މީހުން ތިބިކަންވެސް ނުއެނގޭނަމަ އެއީ ވަރަށް ހިތާމަހުރިކަމެކެވެ.
ޢާންމުންގެ ގިނަ ބައަކު މިކަންކަން ފާހަގަކުރަމުން އަންނައިރު ސްޓެލްކޯއިންވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. ކަޅުބާޒާރު ނައްތާލެވިގެން ނޫނީ މައްސަލައަށް ޙައްލެއް އޮތްކަމަކަށް ނުފެނެއެވެ.