އަރަބިންގެ ތެރޭ މަޝްހޫރުވެފައިވާ، ޒަމާނުއްސުރެ އަރަބިން ބޭނުން ކުރަމުން އަންނަ "ގަހުވަ" އަކީ މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މަގުބޫލު ބުއިމެކެވެ.
މެޓަބޮލިޒަމް ރޭޓް 50 އިންސައްތަ އިތުރުކޮށްދޭ އަދި ހަށިގަނޑުުގެ އިތުރު ފެޓް އަންދާލުމަށް އެހީތެރިވެދޭ ކަޅު ކޮފީ ބުއިމުގައި ބައެއްފަހަރު ގޯސް ގޮތްތައް ބޭނުން ކުރާކަމަކީ ހިތާމަ ހުރި ކަމެއްވެސް މެއެވެ. ހަގީގަތުގައި އެއްވެސް އެއްޗެއް އޮންނަ ހަމައާއި އުސޫލަށް ވުރެ ބޮޑަށް އަމިއްލަ ގޮތްތައް އިތުރުކޮށްގެން ބޭނުން ކުރުމަކީ އޭގެ ނަތީޖާ ގޯސް ވެދާނެ ކަމެކެވެ.
އެގޮތުން ކޮފީއާ ބެހޭ ގޮތުން ޑރ މުހައްމަދު އަލީ ދެއްވާފައިވާ ކުޑަ މައުލޫމާތު ކޮޅުން ވެސް ކޮފީއަކީ އޭގެ ޒާތުގައި ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ. އެހެންނަމަވެސް ބޭނުން ކުރެވޭ ވަގުތާއި ހާލަތުން އޭގެ ނަތީޖާ ގޯސް ވެދާނެއެވެ. ޑޮކްޓަރ ވިދާޅުވެފައި ވަނީ ބޭނުން ކުރާ ވަގުތާއި ހާލަތު ރަނގަޅުކަމަށްވަންޏާ ކޮފީއަކީ އެންމެ ރަނގަޅު އެކުވެރިއެއްކަމަށެވެ.
"ކާހޮޅިއާއި ގޮހޮރާ ދެމެދު އިންނާނެ ކުޑަކުޑަ ވޭލްވެއް، އެ ވޭލްވް ރިލެކްސް ކޮށްލާ އެއްޗެއް ކޮފީއަކީ،" ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ހުސް ބަނޑާ ހުރެ ކޮފީ ބުއިމުން މި ވޭލްވަށް ހަމަޖެހުން ލިބޭ ގޮތް ބޮޑުވެއެވެ. އެހެންނަމަވެސް ހުސްބަނޑާ ހުރެ ކޮފީ ބުއިމުން، ބައެއްފަހަރު ގޭހުގެ އުނދަގޫވެއެވެ.
އެހެންކަމުން ގަހުވަ ނުވަތަ ކަޅުކޮފީ ބުއިމުގައި ސަމާލުވާން ޖެހޭ ކަންތައްތަކަށް ސަމާލުވެވިއްޖެ ކަމަށްވަންޏާ މިއީ ފައިދާބޮޑު ބުއިމެކެވެ.
ކަޅު ކޮފީން ލިބޭ ފައިދާތަކަށް ބަލާލަމާތޯއެވެ. ފުރަތަމަ ކަމަަކަށް ބަލާލަންޏާ ބަލާލެވޭނީ، ހަށިގަނޑުގެ މާއްދާތަކަށް ލިބޭ ފައިދާ އަށެވެ.
އެގޮތުން ކަޅު ކޮފީން ވިޓަމިން 2ބީ، 3ބީ ލިބެއެވެ. މެގްނީޒިއަމް އާއި ޕޮޓޭސިއަމް ފަދަ ޒަރޫރީ ނިއުޓްރިއެންޓްސް ފޯރުކޮށްދެއެވެ.
ކަޅު ކޮފީގެ ސަބަބުން ލިބޭ ފައިދާތައް:
ބަރުދަން ލުއިކޮށްދިނުން
މޭގަނޑަށް ކުރާ ފައިދާ
މީހާގެ ވިސްނުން ތޫނު ވެގެން ދިޔުން
ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދިނުން
ހިތުގެ ބަލިތައް ކުޑަކޮށްދިނުން
ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން