ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ރޭ ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ "އެންމެ 4 މަސްދުވަހުން އެމަނިކުފާނު މި ޤައުމު ބަދަލުކޮށްލިގޮތް. އަޅުގަނޑު ކިޔާދޭން ވެއްޖެއްޔާ ވަގުތުކޮޅެއް ނަގާނެ. އެންމެ 4 މަސްދުވަސް ވީއިރުގައި އެއްކަލަ 3 މިލިއަން ރުފިޔާ ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި މިއަދު އިރާދަކުރެއްވިއްޔާ 30 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެހުރީ ފައިސާ." ކަމަށެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 120 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު ނިމެންވާއިރަށް ހުންނާނެކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.