ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރާފައިވަނީ މިސްކޮމިއުނިކޭޝަނެއްގެ ސަބަބުން ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ސުވާލުކުރުމަށް މިއަދު ޣައްސާން ވަނީ މަޖިލީހަށް ހާޒިރުކުރައްވާފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޣައްސާން ވަނީ އެ ދުވަހު ކަން ހިނގައިދިޔަގޮތުގެ ތަފްސީލް ހާމަކުރައްވާފައެވެ.
ޣައްސާން ވިދާޅުވީ އިންޑިއާގެ ބޯޑިން ޓީމުތަކުން މަސްދޯނިތަކަށް ހިންގާފައިވަނީ އާންމުކޮށް ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަނެއް ކަމަށާއި ދޯނިތަކަށް އަރާފައިވަނީ މުޢާމަލާތުކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންކަމަށް އިންޑިއާއިން ބުނާ ކަމަށް ޣައްސާން ވިދާޅުވިއެވެ. އިންޑިއާގެ ރަސްމީ މަސްދަރުތަކުން އެގޮތަށް ބުނި ނަމަވެސް ދޯނިތަކަށް އަރާފައިވަނީ ސެޓެލައިޓް ފޯނު ބޭނުންކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށް ބޯޑިން ޓީމުތަކުން ބުނެފައިވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވި މިފަދަ ކަންކަން ދިމާވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމުގެ ޒަމާނީ ވަސީލަތްތައް ދައުލަތުގައި މަދުވުން ކަމަށެވެ.