ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ބޭރު ބައަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއެއް ނުދޭނެކަމަށް ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ "އަޅުގަނޑަކީ ވަރަށް ވަޠަނީ ވިސްނުމެއްގެ މީހެއް ދިވެހިންނަށް ކުރެވޭ ކޮންމެ ކަމެއް ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ ދިވެހިން ކުރަންޖެހޭނެ ކަމަށް އަޅުގަނޑުގެ ހިތުގެ އަޑިން ޤަބޫލު ކުރަން. އެހެން ކަމުން އަޅުގަނޑު ދެކެނީ ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބަލަހައްޓަން ޖެހޭނީ ދިވެހި ރާއްޖޭގެ ދިފާޢީ ބާރުގެ ޤާބިލީއްޔަތު އިތުރުކޮށްގެން ކަމަށްވާތީ އަޅުގަނޑެއް އެ މަޝްވަރާ ރައީސުލްޖުމުހޫރިއްޔާއަށް އަޅުގަނޑު މި ވަޒީފާގައި ދެމި ހުރިހާ ދުވަހަކު ނުދޭނަން." ކަމަށެވެ.
މީގެއިތުރުން ޣައްސާން ވިދާޅުވީ ކިތަންމެ ގާތްގުޅުމެއް ބަޔަކާއެކު އޮތަސް، ރާއްޖޭގެ ސަލާމާތާއި އިސްތިޤުލާލް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅެންޖެހޭނީ ދިވެހިންކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުކަމަށެވެ.
ޣައްސާން މިހެންވިދާޅުވީ ހަސަން ލަތީފްގެ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.