ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ސަރުކާރުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށް ފިނޭންސް މިނިސްޓްރީން އުސޫލެއް ނެރެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި އުސޫލުގައި ވާގޮތުން ދައުލަތުގެ މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ ދިންނަމަވެސް ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅުން އޮތް ފަރާތަކާ އެކު އެއްވެސް ހާލަތެއްގައި ވިޔަފާރީގެ މުއާމަލާތެއް ނުހިންގޭނެއެވެ. މީގެތެރޭގައި ހިމެނެނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފާއި، ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފާއި، އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފަވެ. އަދި ޕްރޮކިއުމަންޓަށް ހުއްދަ ދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފުންނާއި، ބިޑު ކޮމެޓީ އާއި ޕްރޮކިއުމަންޓާ ބެހޭ އެހެނިހެން ކޮމެޓީތަކުގެ މެމްބަރުން ހިމެނެއެވެ.
އަދި މީގެއިތުރުން ބިޑު ނުވަތަ ބީލަން އިވެލުއޭޓުކުރާ ނުވަތަ ވަޒަންކުރާ ފަރާތްތައް ނުވަތަ ވަޒަންކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމެޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް އާއި ބިޑް ޑޮކިއުމަންޓު ނުވަތަ ޓެންޑާ ޑޮކިއުމަންޓު ތައްޔާރުކުރުމުގައި ބައިވެރިވާ ނުވަތަ އެހީވެދޭ ފަރާތްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.