ޔޫރިން އިންފެކްޝަން, ވޭންހުރި ކަމެއް, ސަމާލުވާން ޖެހޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޔޫރިން އިންފެކްޝަން, ވޭންހުރި ކަމެއް, ސަމާލުވާން ޖެހޭ!

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ބެކްޓީރިއާގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ޖަރާސީމުގެ އަސަރު ފޯރުމެވެ. މި ޖަރާސީމު ހަށިގަނޑަށް ވަންނަނީ ކުރިމަތި ފަރާތުންނެވެ. ހަށިގަނޑަށް ވަންނަ ޖަރާސީމުތައް ކިޑްނީއާއި އާއި ބްލެޑާއަށް ވާސިލުވެއްޖެނަމަ ކުޑަކަމުދާތަކެތީގައި އެތަކެތި އިތުރުވެ މުޅި ނިޒާމުގައި ޖަރާސީމު އަށަގަނެ ތަފާތު އުދަނގޫތައް ކުރިމަތިވެއެވެ. ކުޑަކަމުދާ ނިޒާމުގައި ހިމެނޭ ބައިތަކަކީ ކިޑްނީ، ޔުރެތްރާ، ބްލެޑާ، އަދި ޔުރެޓަރސް އެވެ. އެންމެ އާއްމުކޮށް އިންފެކްޝަން އުފެދެނީ ޔުރެތްރާ އާއި ބްލެޑާގައެވެ.

ޔޫރިން އިންފެކްޝަން އުފެދުމަށް މެދުވެރިވާ ސަބަބުތައް ބައިވަރެވެ. މިގޮތުން އެންމެ އާންމު ސަބަބަކީ ފެން ބުއިން މަދުވުމެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތި މަދުވެ، އޭގެ ކޮންސެންޓްރޭޝަން މަތިވެ، އޭގައި ފަސޭހަ ކަމާއެކު ޖަރާސީމް އަށަގަންނަގޮތް ވެއެވެ. އަދި މި ބަލި ޖެހިފައިވާ މީހަކު ސަލާމަތުން ހުރި މީހަކާ އެކު ޖިންސީ ގުޅުން ހިންގައިފިނަމަ އެމީހެއްގެ ގަޔަށް ބަލި ނަގުލުވެއެވެ. ބައެއް ބަލިތައް ޖެހުމުން ވެސް ޔޫރިން އިންފެކްޝަނަށް މަގު ފަހިވެއެވެ. މިގޮތުން ހަކުރު ބަލިޖެހުމާއި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ފަދަ ބަލިތައް ހިމެނެއެވެ. ބައެއް ފަހަރު ޤުދްރަތީގޮތުން ކުޑަކަމުދާ ނިޒާމު އުފެދިފައިވާއިރު ހުންނަ އާދަޔާ ޚިލާފުކަމެއްގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރަން އުދަނގޫވުމުން ވެސް އިންފެކްޝަން ހެދުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ކުޑަކަމުދާންވެފައި ގިނައިރު ހުރުމުން (ބްލެޑާގައި ކުޑަކަމުދާތަކެތި ގިނައިރު ހުރުމުން) ޔުރިން އިންފެކްޝަން އުފެދެން ދިމާވެއެވެ.

މާބަނޑު އަންހެނުންނަށް ޔޫރިން އިންފެކްޝަން ވަރަށް ފަސޭހައިން ޖެހެން މެދުވެރިވެއެވެ. ސަބަބަކީ ބަލިވެ އިނުމުގެ ސަބަބުން ހޯމޯންތަކަށް ބަދަލު އައުމާއި ރަހިމުގެ ސައިޒަށް ބަދަލުއައުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ގުނަވަންތަކަށް ވާންވެ ދެމި އެތުރުންތަކަށް ބަދަލު އަންނާތީއެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ފަސޭހައިން ބެކްޓީރިއާއަށް ދަތުރުކުރެވެއެވެ.

ޔޫރިން އިންފެކްޝަން ނުވަތަ ޔޫޓީއައި ޖެހޭ މައިގަނޑު ސަބަބުތައް:

ފެން ބޯ މިންވަރު މަދުވުން : މެޝިނެއް ހިންގުމަށް ތެޔޮ ބޭނުންވާ އުސޫލުން އިންސާނާގެ ހަށިގަނޑުގެ އެކިއެކި ގުނަންތަކުގެ ހިންގުމަށް ފެން ބޭނުންވެއެވެ. ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ އެންމެ މައިގަނޑު އެއް ސަބަބަކީ ވެސް ފެން ބޯ މިންވަރު މަދު ވުމެވެ.

އެންމެ ފުރިހަމައަށް ސާފުތާހިރު ނުވެވުން

ޖިންސީ ގޮތުން ގުޅުން ހިންގުމުގައި ސާފުތާހިރުކަމަށް ސަމާލުނުވުން

ކުޑަކަމުދާ ތަކެތި ހިފަހައްޓައިގެން ގިނަ ވަގުތު ހޭދަކުރުން

ބަނޑު ހަރުވުން (ކޮންސްޓިޕޭޝަން)

ލޭގައި ހަކުރު ހުރުން

ކިޑްނީގައި ހިލަ އުފެދިގައިހުރުންއަންޑަރގާމެންޓްސް ބަދަލު ކުރުމުގައި ފަރުވާ ނުބަހައްޓައި ގިނަ ދުވަސް ކުރުން

ޕީރިއަޑް ދުވަސްވަރު ބޭނުންކުރާ ސެނިޓަރީ ޕެޑް ބަދަލު ނުކޮށް ގިނައިރު ހުރުން

ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ބަލިޖެހުން ގާތެވެ. މިކަމަށް މެދުވެރިވާ ސަބަބަކީ އަންހެނުންގެ ޔުރެތްރާ (ކުޑަކަމުދާ ހޮޅި) ފިރިހެނުންނަށް ވުރެ ކުރުކަމުން ބެކްޓީރިއާ ފަސޭހަ ކަމާއިއެކު ބްލެޑަރ އާއި ހަމައަށް ވާސިލުވެވޭތީއެވެ.

ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން އުފެދިއްޖެނަމަ އާދަޔާ ޚިލާފަށް ގިނައިން ކުޑަކަމުދެވޭނެއެވެ. އަދި އަބަދު ކުޑަކަމުދާން ބޭނުންވާހެން ހީވާނެއެވެ. ނަމަވެސް މިގޮތަށް ހީކުރެވުނު ކަމުގައި ވިއަސް ކުޑަކަމު ނުދެވި ހުރެއެވެ. އަދި ކުޑަކަމުދާއިރު ތަދުވެ ދިލަނެގުމާއި ކުޑަކަމުދާ ހޮޅިއަށް ތަދުވެ ދަށްބަނޑުގައި ރިއްސައެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމުގެ އަސަރު ވަރަށް ބޮޑަށް ހުރެއްޖެނަމަ ނުބައި ވަސްދުވައި ބައެއްފަހަރު ލޭގެ އަސަރު ފެނެއެވެ. އަދި އުނަގަނޑާއި ބަނޑުގެ އަރިމަތީގައި ރިއްސުމާއެކު ގަދައަށް ހުން އައިސް ހީކެރުވުމަކީ ވެސް މި ބަލީގެ އަލާމާތްތަކެވެ.

 

މިއަދު އޮންލައިން