ގަނާކުރުން ހުއްޓުވުމަށް، އިސްލާމީތަރުބިއްޔަތު އޮތް މާހައުލަކާއެކު، އިހުލާސްތެރި އަގީދާ ރަނގަޅު ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު ވަރަށް މުހިންމު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
ގަނާކުރުން ހުއްޓުވުމަށް، އިސްލާމީތަރުބިއްޔަތު އޮތް މާހައުލަކާއެކު، އިހުލާސްތެރި އަގީދާ ރަނގަޅު ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރު ވަރަށް މުހިންމު!

ގަނާކުރުމަކީ ކުދިންގެ މުޅި ދިރިއުޅުން ބަނަވެ، އުންމީދުތައް ވިއްސިވިހާލިވާ, މީހާ މާޔޫސްކޮށްލައި ދިރިއުޅުންދެކެ ފޫހިވެ، އަމިއްލަ ނަފުސަށް ގެއްލުންދީ، ބައެއްފަހަރަށް އަމިއްލަ ފުރާނަ ގެއްލުވާލާފަދަ ނުރައްކާތެރި ކަމެކެވެ. ގަނާކުރުން ހުއްޓުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންވެ އެވެ.

ޚާއްޞަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ގަނާކުރުމުގެ މައްސަލަތައް އިތުރުވާކަމަށް ފާހަގަ ކުރެވެއެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ ސްކޫލުތަކުންނެވެ. އެހެންނަމަވެސް މިކަން ފެށެނީ ސްކޫލުތަކުންނެކޭ ދެންނެވޭކަން ނެތެވެ. އެހެނީ ގަނާ ކުރާ ކުއްޖާއަކީ ކޮންމެވެސް އެހެން މާހައުލަކުން އެކަން ދަސްވެފަވާ ކުއްޖެކެވެ. ނުވަތަ ދަސްކޮށްގެން ސްކޫލަށް އަންނަ ކުއްޖެކެވެ.

ތަޖުރިބާ ހުރި ޗައިލްޑް (އެޑިއުކޭޝަން) ކައުންސެލަރަކު ވިދާޅުވީ ގަނާކުރާ ކުދިންނަކީ ގިނަފަހަރަށް ގެއިން ނުވަތަ އޭނާގެ އާއިލާއިން ގަނާގެ ޝިކާރައަކަށް ވެފައިވާ ކުދީން ކަމަށެވެ. ކުއްޖާގެ އާއިލާއިން ބޭބެ ނުވަތަ ދައްތަ ނޫނީ އެހެންވެސް މީހަކު މަޖަލަކަށް، ސަކަރާތް ޖަހާލުމަށް ކުއްޖައާ ދިމާކޮށްލަނީއެވެ. މިގޮތަށް ބުނާ އެއްޗިހީގެ ސަބަބުން ކުއްޖައަށް އެކަން ދަސްވެއެވެ. 

އާއިލާގެ ތެރެއިން މިކަން ކުރާ މީހުނަށް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަމެއް އިހުސާސެއް ނުކުރެވުމުން ކުއްޖާއަށް ކުރާނެ އަސަރެއް ނޭނގެއެވެ. އަދި އެކުއްޖާގެ ފަރާތުން އެހެންކުދިންނަށް މި އަނިޔާ ދެވޭކަމެއްވެސް ނޭނގެއެވެ.

ގޭތެރެއިން ގަނާކުރުމުގެ ޝިކާރައަކަށްވީ ކުއްޖާ ސްކޫލަށް އައުމަށްފަހު އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލަނީ އެހެން ކުއްޖަކަށް އެ ތަކުލީފު ދީފައެވެ. ގޭތެރެއިން އެދަސްވި ހުނަރުގެ ބޭނުން ހިފަނީ ސްކޫލުގައެވެ. އޭނައަށް ލިބެމުންދާ ތަކުލީފު އަނެއްކުއްޖާއަށްވެސް ލިބުމަށް އެދެނީއެވެ. އެކަމުން އޭނާގެ ހިތަށް ފިނިކަން ލިބެނީ އެވެ.

ގަނާކުރާ ކުދިން އެކަން ކުރާއިރުގެ ކަމުގެ ނުރައްކާތެރިކަމެއް ނޭނގެއެވެ. އަދި މިކަން ކުރަނީ ވަކި މިވަނި ކަމެއް ވެގެނޭވެސް ދެންނެވޭކަން ނެތެވެ. ހަށިގަނޑު ހެދި ހުރި ގޮތަށެވެ. އިސްކޮޅާއި ރޫފައަށެވެ. ހަށިގަނޑުގެ ކުލަ އާށެވެ. ސިފައަށެވެ. ލިޔަން ލަސް ކުއްޖެއްނަމަ، އެކަމާއެވެ. ކިޔުމުގައި ކޮށި ގޮތެއް ހުރިނަމަ، އެކަމާވެސް މެއެވެ. މިކަންކަމަކީ ކޮށްގެން ނުވާނެ ކަންކަން ތީޗަރުން ބުނެދެއެވެ. ސްކޫލުތަކުގެ އިސްވެރިން ކިޔައިދެއެވެ. އެހެންނަމަވެސް މިއީ ހައްލެއް ނާންނަ ބޮޑު މައްސަލައެކެވެ.

މިކަން ހައްލުކުރުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ އާއިލާ އަށެވެ. މައިންބަފައިންނަށެވެ. ބެލެނިވެރީންނަށެވެ. އެންމެ ފުރަތަމަ ކަމަކަށް ހަދަންވީ ގޭތެރެއިން މިކަން ހުއްޓުވުމެވެ. ގަނާކުރުމަކީ ކޮބައިކަން ދެނެގަނެގެންނެވެ. މަޖަލަކަށް ހަދާފައި ނަމަވެސް ކުއްޖާއަށް މަލާމަތްކޮށް ފުރައްސާރަ ކުރާމީހުން ހުއްޓުވައިގެންނެވެ. އެހެން ކުދިންނާދިމާއަށް ބުނަން ނުވާނެ އެއްޗިހި ކިޔައިދީގެންނެވެ. އިސްލާމީ ތަރުބިއްޔަތުން ދަރީން ތަރުބިއްޔަތު ކޮށްގެނެވެ. ތިބާގެ ދަރިފުޅާއި އަނެކާގެ ދަރިފުޅުވެސް ގަނާގެ ޝިކާރައަކަށް ވުމުގެ ކުރިން އެކަން ހުއްޓުވޭނީ އޭރުންނެވެ.

 

މިއަދު އޮންލައިން