އާސަންދައިންގެ ދަށުން 35 އަހަރުން މަތީގެ މީހުންގެ މެޑިކަލް ޗެކަޕް ތައާރަފްކޮށްފިއެވެ. އަދި މީގެއިތުރުން ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފައެވެ.
އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ވައުދުތަކުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ހާއްސަ ސިޔާސަތަކުގެ ދަށުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފްކޮށްފައިވަ ކަމަށެވެ.
01 ޖަނަވަރީ 2024 ގައި ތަޢާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބައެއް ބަދަލުގެނެސްފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ. މިގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ޚާއްޞަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ބަދަލުގެނެސްފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އާސަންދައިން 01 އޭޕްރީލުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެއެވެ.