ކުރީސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިއޮވެ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިނުވާކަމަށް މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ކުރީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިއޮވެ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިނުވާކަމަށާއި އެކަމުގައި ޢަމަލުކުރައްވާފައިވާގޮތުން ކުރީސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ސާފުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
"2018 ވަނަ އަހަރު އެމްޑީޕީއަށް ސަރުކާރު ލިބުނުއިރު، ހިޔާ ފުލެޓުތަކުގެ މަސައްކަތްތައް ނިމި ރައްޔިތުންނަށް ފުލެޓު ދިނުމާ ހަމައަށް މަސައްކަތްތައް ހުރީ ގޮސްފައި. ނަމަވެސް އެއިރުގެ ސަރުކާރުން އެ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރުމަށްވެސް 3 އަހަރު ހޭދަކުރި." ހީނާ ވަލީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.