ކުރީސަރުކާރުން ތިން ފަޅެއް ހިއްކަން ލަންކާގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އަށް ދިނީ 20 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ލިބޭގޮތަށް ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވީ ކުރީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު، ރިޔާސީ އިންތިޚާބުގެ ކުރިން، ހުޅުމާލެ ފޭސް3، ތިލަފުށި އަދި ދިޔަނަރު ފަޅު ހިއްކަން ސީއެމްސީއާއި ހަވާލުކުރީ 96 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އެއީ ހުޅުމާލެއިން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރެވެ.
މިއެއްބަސްވުން ޤާއިމުކޮށްފައިވަނީ ހިއްކާ ބިމުގެ ތެރެއިން ސަރުކާރަށް ހަމައެކަނި 76 ހެކްޓަރުގެ ބިން ލިބޭގޮތަށްކަމަށެވެ. ފަޟުލް ވިދާޅުވީ އެއްބަސްވުމުގައިވާގޮތުން 20 ހެކްޓަރު ބިން 99 އަހަރަށް ސީއެމްސީއަށް ލިބޭކަމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރު ސީއެމްސީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ތިލަފުށިން ހިއްކާ 9.6 ހެކްޓަރުގެ ބިން މުޅިން ލިބޭނީ އެ ކުންފުންޏަށް ފަޟުލް ވިދާޅުވިއެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދިވެހި ދަޢުލަތަށް ގެއްލުންބޮޑުކޮށްކަމަށާއި ހިއްކާބިމުން ބޮޑު ބައެއް ގެއްލޭއިރު، 20 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ކުންފުންޏަށް ދައްކަންޖެހޭކަމަށްވެސް ފަޟުލް ވިދާޅުވިއެވެ.