އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކް އިން ބުނެފިއެވެ.
މިއަދު ނެރުނު ސައުތު އޭޝިއާ ޑިވެލޮޕްމަންޓު އަޕްޑޭޓު، "ޖޮބްސް ފޮރ ރެސިލިއަންސް" ރިޕޯޓުގައި އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިންސައްތައިން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކް އިން ލަފާކޮށްފައިވީ ނަމަވެސް އެއަހަރުތެރޭ ދައުލަތުގެ ދަރަނިވެސް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ތަރައްގީކުރުމަށް ހިންގާ މަޝްރޫއު ނިމޭނެކަމަށް ލަފާކުރުމަށްފަހުއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އިޤްތިސާދު މިއަހަރުތެރޭ ކުރިއަރާނީ 4.7 އިންސައްތައިންނެވެ. މިއީ އެ ބޭންކުން ކުރިން ލަފާކުރި އަދަދަށްވުރެ 0.5 އިންސައްތަ ދަށް އަދަދެކެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަގުބޮޑު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި، ގެސްޓު ހައުސްތަކުގައި ޗުއްޓީ ހޭދަ ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ.
ވޯލްޑް ބޭންކުގެ މިރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ވާދަވެރިކަން ކުޑަކަ ނަމަވެސް ސަރުކާރު ހިއްސާވާ ބޭންކުގެ ދައުރު އިޤްތިސާދުގައި ބޮޑު ކަމަށާއި، އަދި އަވަށްޓެރި ޤައުމުތަކަށްވުރެ އިންޓްރެސްޓު ރޭޓުތައް ރާއްޖޭގައި ބޮޑު ކަމަށެވެ.