އއ. ތޮއްޑޫގައި ސީޕްލޭން ޚިދުމަތްދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
މިކަމާގުޅިގެން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވީ މިޚިދުމަތް ދިނުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ސަރވޭއާއި ސީޕްލޭން ކައިރިކުރާ ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ގެންދާނެގޮތުގެ ސަރވޭ ކުރިއަށްގެންދިޔަކަމަށާއި އެގޮތުން ބޯޓު ކައިރިކުރާ ފަޅުގެ މޫސުމާއި ރައްކާތެރިކަން އޮތް މިންވަރާ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަދި ރިސްކް އެސެސްމަންޓްތައް ހަދާނެ ކަމަށެވެ.
މި ޚިދުމަތް ތޮއްޑުއަށް ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ރިސޯޓްތަކަށް އެކަނި ޚިދުމަތް ދިނުމުގެ ބަދަލުގައި، ގެސްޓް ހައުސް ވިޔަފާރިތަކާއި އާއްމު ރައްޔިތުންނަށްވެސް ޚިދުމަތުގެ މަންފަ ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް އިޔާސް ވިދާޅުވިއެވެ.
ތޮއްޑޫގައި ވެގެންދާނީ މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭން ދަތުރު ފަށާ ދެވަނަ ރަށެވެ.