ޢިބްރަތްތެރި ވާހަކަ: ލޯބިން ދިރިއުޅެމުން އައި ދެމަފިރިއެއްގެ ދެމެދަށް ވަދެގަތް އަންހެނަކަށް މުޅި ޢުމުރުގައިވެސް ހަނދާން ނުނެތޭނެވަރުގެ ހިތްދަތިކަމެއް ލިބުނު ގޮތުގެ ވާހަކަ އޭނާގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 31ސ
ޢިބްރަތްތެރި ވާހަކަ: ލޯބިން ދިރިއުޅެމުން އައި ދެމަފިރިއެއްގެ ދެމެދަށް ވަދެގަތް އަންހެނަކަށް މުޅި ޢުމުރުގައިވެސް ހަނދާން ނުނެތޭނެވަރުގެ ހިތްދަތިކަމެއް ލިބުނު ގޮތުގެ ވާހަކަ އޭނާގެ ދުލުން-

އަޅުގަނޑުގެ ޢުމުރަކީ 35 އަހަރެވެ. ކައިވެންޏަށް 15 އަހަރެވެ. 4 ދަރިން އެބަތިއްބެވެ. ފިރިމީހާގެ ފަހަތުން އަޅައިގަނެގެން އުޅުނު އަވަށްޓެރިއަކު އެންމެފަހުން އެކަން ކާމިޔާބުކޮށްފިއެވެ. ވަރުކުރިފަހުން އަހަރުވީއެވެ. ދާދިގާތުގައި ދިރިއުޅޭއިރުވެސް ދަރިއަކަށް ބަލައިވެސް ނުލައެވެ. ފެނުނަސް ހަދަނީ ނުފެންނަ ކަމަށެވެ.   

އަޅުގަނޑަސް 4 ދަރިން ގޮވައިގެން އުޅެންޖެހިފައި މިވަނީ ވަރަށް ނިކަމެތި ޙާލުގައެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި އެދެމަފިރިންނަށް ބަދުދުޢާކުރުން ހުއްދަވާނެތޯއެވެ؟ 

ޖަވާބުގައި ބުނެލަން އޮތީ ބަދުދުޢާނުކުރާށެވެ! އެދެމީހުންނަށް އުފާވެރިކަން ދެއްވެވުމަށް އެދޭށެވެ. އަދި ކިޔުންތެރިޔާއަށް ރަނގަޅު ގޮތެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!  

އެއްވެސް މީހަކަށް ދެރައެއް ދީފައި މާގިނަ ދުވަހު އުފަލުގައި ހުރެވުމަކީ ވަރަށް ނުވާ ކަމެކެވެ. އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! މުހިންމީ އެދެމަފިރިންނަށް ދެރަގޮތެއް މެދުވެރިވުމެއް ނޫނެއް ނޫންހެއްޔެވެ؟ މުހިންމީ ކިޔުންތެރިޔާއަށް އުފާވެރިކަން ލިބުން ނޫންހެއްޔެވެ؟ އެކަން ޙާޞިލުކުރަން މަސައްކަތްކުރާށެވެ! ވީހާގިނައިން އަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ! ކާމިޔާބުވާނެއެވެ. މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެއެވެ. އިން ޝާ ﷲ  

ތިރީގައިވާ ޢިބްރަތްތެރި ވާހަކަވެސް ވިދާޅުވެލައްވާށެވެ! ހިތްވަރުލިބިލައްވާނެއެވެ. އިން ޝާ ﷲ  

އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވީވެސް ވަރަށް ކުޑަކުޑަ އިރުކޮޅަކަށެވެ. އެއީ ރަމަޟާން މަހަށް ރެސްޓޯރަންޓެއްގައި ބޭއްވި މާހެފުމަކަށް އަހަރެން ދިއަ ރެއަކުއެވެ. އެރޭ ތަފާތު 3 ބައެއްގެ ތަފާތު ޕާޓީތައް އެއްވަގުތެއްގައި އެތަނުގައި އޮތެވެ.  

ކޮންމެއަކަސް އަހަރެންނަށް އެޒުވާނާ ވަރަށް ކަމުދިއައެވެ. އަހަރެންނަށް ދަސްވެފައި ހުރި ފިކުރަކީވެސް އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމުގެ ފިކުރެވެ. އަންހެނުންނަކީ ވެސް އިސްނަގައި ފިރިހެނުންނަށް އެދެން ފަސްޖެހެން ޖެހޭނެ ބައެއް ނޫން ކަމުގެ ފިކުރެވެ. އެހެންވެ އޭނާ ނުކުތްނަން ދަނިކޮށް ގާތްވެލާފައި ވާހަކަދައްކާލަން ބޭނުން ކަމަށް ބުނެ ފޮނު ނަންބަރު އަތުލީމެވެ.  

އަނެއް ދުވަހު ގުޅާލުމުން ފުރަތަމަވެސް ބުނީ އޭނާގެ އަންތބަކު ހުންނަ ކަމަށާއި ކުޑަ ދަރިފުޅަކުވެސް އެބައޮތް ކަމަށެވެ. އެހެންކަމާއިއެކުވެސް އޭނާގެ ފަހަތުން ދުވުން ހުއްޓައެއް ނުލަމެވެ. ކޮންމެ ދުވަހަކު ގުޅަމެވެ. ރޭގަނޑު ބައްދަލުކުރަމެވެ. އެގޮތަށް 6 މަސްފާއިތުވާއިރަށް އޭނާ، އޭނާގެ އަނބިމީހާ ވަރިކޮށްލާފައި އައިސް އަހަރެންނާއި ކައިވެނިކޮށްފިއެވެ.  

ކޮންމެ ގޮތަކުން ނަމަވެސް ޙާޞިލްކުރަން ބޭނުންވި ކަންތައް ޙާޞިލްވީތީ ހުރީ ބޮޑާވެ ފަޚުރުވެރިވެސް ވެގެންނެވެ. ޤަބޫލުކުރެވުނީ މިލިބުނީ އުޑަށް އެރުން ވަރުގެ އުފަލެއް ކަމަށެވެ.  

ކައިވެންޏަށް 3 ވަނަ މަހު ބަލިވެ އިނދެއްޖެއެވެ. ދެން ލިބުނު އުފާ މާބޮޑެވެ. ހީވީ  އެދަރިފުޅުވާނީ ފިރިމީހާ އާއިއެކު އަބަދުގެ އަބަދަށް ފައތިލަ ހަރުކޮށްލަން ޖެހިގެންދާނެ މޮހޮރަކަށް ކަމަށެވެ. އަބަދުވެސް މަތީގައި ދިރިއުޅެވޭނެ ކަމަށާއި ދެން ދުވަހަކުވެސް ބިމަށް ފައިބަން ނުޖެހޭނެ ކަމަށެވެ.  

އެހެން ހުއްޓައި ދަރިފުޅަށް އަހަރުވާން ކައިރިވެ ޕާޓީ ބާއްވަން ތައްޔާރުވަމުން ދިއަ ދުވަސްވަރު އެއްރޭ ފެނުނީ ކައިނިމިގެން ކޮޓަރިއަށް ވަދެ އެނާގެ ސާމާނުތައް 2 ފޮށްޓަކަށް އަޅައިގެން ނުކުތްތަނެވެ. ސިޓިންގ ރޫމްގައި އިންދާ އައިސް ބުނީ ގެއިން ދަނީ ކަމަށާއި ވަރިވެސް ކޮށްދޭނެ ކަމަށެވެ. 

ދެން މިހާމަކުރަނީ މުޅި ވާހަކައިގެ އެންމެ މުހިންމު ބައެވެ.  

އެވަގުތު ހަތަރު އުދަރެސް ފެނުޖެހުނެވެ. އަޅުގަނޑުގެ ގެ މޯގޭޖްކޮށްފައި އޭނާ ޓެކްސީކުރަން ދުއްވާނެ ރަނގަޅު ފެންވަރުގެ ކާރެއް ގަނެދިންތާ އަދި 10 ދުވަހެއް ނުވާނެއެވެ. ގިސްލާ ރޮވުނެވެ. ދެފައިމައްޗަށް ތިރިވެފައި ބުނީމެވެ. "ކުޑަކުޑަ ދަރިފުޅާ އަހަރެން ދޫކޮށްލާފައި ތިއަ ގޮތަށް ދިއުމަކީ ކިހިނަކުން ކުރެވޭނެކަމެއްހެއްޔެވެ؟"  

އޭނާގެ ޖަވާބު 1 ކިލޯ ކަނޑޫދޫ މިރުހަށްވުރެވެސް މާކުޅިކަން ގަދައެވެ. "ބަލަ ކަލޭ ތަކުރާރުކޮށް އެދިގެން ފުރަތަމަ އަނބިމީހާ ދޫކޮށްލީވެސް ދަރިއަކު އޮއްވައެވެ. ތިއަވައްތަރަކަށް އޭނާއެއް ނޫޅެއެވެ. މާދަމާ ރޭ ކަލެއަށްވުރެ މާ ޒުވާން، މާރީތި ކުއްޖަކާއި ކައިވެނިކުރާނަމެވެ."  

"އެހެންވީއިރު 300،000 ރުފިޔާގެ ލޯނެއް ނަގައިގެން ގަނެދިން ކާރުގެ ތަޅުދަނޑި ބާއްވާފައި ދާށެވެ. ކާރު ވިއްކާލައިގެން ދަރަނިއަދާކުރަން ބޭނުމެވެ." ބުނީމާ އޭނާގެ ޖަވާބަކަށްވީ "ކަލޭގެ ކާރެއް އަހަރެން ނުދުއްވަމެވެ." 

އަހަރެންނަށް އެރިގެން އުޅުނު "އުޑުން" އެވަގުތުން ފެށިގެން ފައިކައްސާލައިގެން ބިންމައްޗަށް ވެއްޓި ދަތްޕިލަވެސް ބިނދިއްޖެއެވެ. ކޮންމެވެސް އެއްޗަކަށް ހެރި ފިޔައިގެ ވަރަވެސް ބިނދިއްޖެއެވެ.  

ހަމަ ތެދެކެވެ. ވަރިކޮށްލައި އަހަރުވީއިރުވެސް އަހަރެންގެ ކަންފަތުގައި ގުގުމަނި ހަމަ އެޖުމުލައެވެ. "ބަލަ ކަލޭ ތަކުރާރުކޮށް އެދިގެން ފުރަތަމަ އަނބިމީހާ ދޫކޮށްލީވެސް ދަރިއަކުވެސް އޮއްވައެވެ. ތިއަވައްތަރަކަށް އޭނާއެއް ނޫޅެއެވެ. މާދަމާ ރޭ ކަލެއަށްވުރެ މާ ޒުވާން، މާރީތި ކުއްޖަކާއި ކައިވެނިކުރާނަމެވެ." 

މިއަދުނޫހުގެ ކިޔުންތެރިންގާތުގަ ބުނެލަން ބޭނުމީ މިވާހަކަ ހުށަހަޅައިދެވުނު ބަހުރުވަ ކުޑަކޮށް ތަފާތުވެދާނެއެވެ. އެއީ މިވާހަކަ ދައްކަން ފެށުމުން އަހަރެންގެ ހަށިގަނޑުގައި ހިނގާ ލޭހިނގުން އަދިވެސް އަވަސްވެގަންނާތީއެވެ. އެކަން ހިނގިތާ 11 އަހަރު ފުރިފައިވާއިރުވެސް ދެންމެ ވީކަމެއް ފަދައިން ހަނދާންހުންނާތީއެވެ. އެހަނދާންތައް އަުމުން ގައިން ހީބިހި ނަގާތީއެވެ. 

އަޅުގަނޑުގެ ދެވަނަ ފިރިމީހާއަކީ ވަރަށް ބޮޑު ތަޤްވާވެރިއެކެވެ. ވަރަށް ގިނަ ނަޞޭޙަތްވެސް ދެއެވެ. ނަމަވެސް އެ ހަނދާން އައުވެގަންނަނީއެވެ. ހިތަށް އަރައެވެ. "އަހަރެންނަކީ ހާދަހާ ބޮޑު ކުށްވެރިއަކީމެވެ. އެދެމަފިރިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތީ އަހަރެންނެވެ. އެކުޑަކުދަ ދަރިފުޅު ބިކަ ހާލުގައި ޖެއްސުވީވެސް އަހަރެންނެވެ."  

އެންމެ ބޮޑަށް ދެރަވަނީ ދެވުނު އަނިޔާއަށް މާފަށް އެދެން އެއަންހެން މީހާ ހޯދިއިރު އޭނާ އެކަމުގެ ހިތާމައިގާ ނިޔާވެފައިވާތީއެވެ. އެނގުނު ގޮތުގައި އޭނާ ނިޔާވީ ބަލިވުމުން އެހީތެރިވާނެ މީހަކުވެސް ނެތި ވަރަށް ނިކަމެތިޙާލުގައި އޮވެފައެވެ. ވީމާ އޭނާގެ ކިބައިން މާފަށް އެދުމުގެ ފުރުޞަތެއްވެސް ނުލިބުނެވެ. ކޮށްދެވެން އޮތް އެންމެ ކަންތައް އެބަ ކޮށްދެމެވެ. ކޮންމެ މަހަކުވެސް އޭނާގެ ދަރިފުޅަށް ޞަދަޤާތެއް އެބަކުރަމެވެ.  

އަހަރެން މިވާހަކަ މިކިޔައިދިނީ އަމިއްލައަށް ދެރަވެ ލަދުގަންނަ ޙާލުގައެވެ. ހިތާމަކޮށް ރޮއި ކަރުނައަޅާ ޙާލުގައެވެ. ނަމަވެސް ކުރެވިފައި އޮތްކުށެއް ނުކުރެވޭ ކަމަކަށްވެސް ނުވާނެއެވެ. އަހަރެންނަށް އެއިރު ކުރެވުނު އެބޮޑުކުށް ކުރެވޭ އަންހެނުން މިހާރުވެސް މަދެއް ނޫނެވެ. އަހަރެންގެ އާދޭހަކީ އަހަރެންނަށް ތަޖުރިބާ ކުރަން މިޖެހުނު ފަދަ ކަމެއް ހަމަ އެންމެ އަންހެނަކުވެސް ނުކުރުމެވެ.  

މިސާލަކަށް ކަމުގެ ބޮޑުމިން ނިކަން ވަޒަންކޮށްލައިބަލާށެވެ. އަންހެނަކާއި ދަރިއަކު ނިކަމެތިކޮށްލެވުނީއެވެ. އެކަމުގެ ހިތާމައިގާ ދަރިފުޅުގެ މަންމަ މަރުވެދިއައީއެވެ. އަޅައިލާނެ ފިރިއަކު ނެތީ އަހަރެން އޭނާގެ ފިރިމީހާ ދަމައިގަތީމައެވެ. ދަރިފުޅު ނިކަމެތިވެ ޔަތީމްވެ މިސްކީނުވީއެވެ. އަމިއްލަ އެދުން ބޮޑުކަމުން އަހަރެންނަށް ކުރެވުނު ކުށެއްގެ ސަބަބުންނެވެ. އަދި އެކަން ކުރެވުންވީ އަމިއްލައަށަ ދަރުފުންޏެއް އެއްކޮށްފައި އެއިގައި އަލިފާންރޯކޮށް އަންދަމުން އެ އަލިފާނުގެ ތެރެއަށް އަމިއްލައށް ފުންމާލުން ފަދަ ކަމަކަށެވެ.  

ބައެއް މީހުން ބުނަނީ އެމީހަކު ލޯބިވާ މީހަކު ހޯދަން މަސައްކަތްކުރުމަކީ އެއީ މީހެއްގެ ފިރިއެއް ނަމަވެސް އެއީ ކުރެވޭ ކުށެއް ނޫން ކަމަށެވެ. ބަހުސްކުރާކަށް ނެތީމެވެ. ހަމަ ޔަޤީނުންވެސް އަހަރެންނަށް ޤަބޫލުކުރެވެނީ އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް ކަމަގައެވެ.

 

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން