އީދު އަލިން މާލެއާއި އަތޮޅުތެރޭގެ ވެރިކަންކުރާ ރަށްތަކާއި ސިޓީތައް ދިއްލައި، ޖުމްހޫރީމައިދާނުގެ ފެންއަރުވާވަޑާން އަލުން ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އީދު އަލިން މާލެއާއި އަތޮޅުތެރޭގެ ވެރިކަންކުރާ ރަށްތަކާއި ސިޓީތައް ދިއްލައި، ޖުމްހޫރީމައިދާނުގެ ފެންއަރުވާވަޑާން އަލުން ހުޅުވައިފި

ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދު އަލި ދިއްލާ، ޖުމްހޫރީ މައިދާނުގެ ފައްވާރާ ނުވަތަ ފެންއަރުވާ ވަޑާން އަލުން ހުޅުވައިފިއެވެ. 

ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދު އަލި ދިއްލާ، ޖުމްހޫރީ މައިދާނުގެ ފައްވާރާ ނުވަތަ ފެންއަރުވާ ވަޑާން އަލުން ހުޅުއްވައިދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

ޖުމްހޫރީ މައިދާނުގައި ހުންނަ މި ފެންއަރުވާ ވަޑާން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.  

ޖުމްހޫރީ މައިދާނަށް ބަދަލުތަކެއް ގެނެސް އެތަނުގައި ފެން އަރުވާ ވަޑާމެއް ހަދާ ހުޅުވީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން ސަރުކާރުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގެ ބައެއް ތަކެތި ހުރީ ހަލާކު ވެފައެވެ. 

މިއުޒިކާ އެއް ހަމަޔަކަށް ފެން އަރުވާ އެ ފެންއަރުވާ ވަޑާން ބަލައިލުމަށް ކުރިން ގިނަ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭރު ކުޑަކުދިންގެ މެދުގައި ވެސް އެއީ ވަރަށް މަގުބޫލު ތަނަކަށް ވިއެވެ.

އެމްޓީސީސީން 5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. މޮނިއުމެންޓް އޮފް ޔުނިޓީ ދައްކުވައިދޭ ބިނާއެއްގެ ގޮތުގައި މިތަން ހަދާފައިވަނީ އެތަނަށް އެރި ފެނުގެ ތެރޭގައި ކުޑަކުދިންނަށް ކުޅެލަން ފުރުސަތު ލިބޭ ގޮތަށެވެ.

މީގެއިތުރުން އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ބޮކިތަކުން ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުންގެންދަވާ މަސައްކަތެކެވެ.މި އަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ. އެހެންކަމުން އެ ވައުދުފުޅު ފުއްދެވުމަށް މި އަހަރަށް އީދަށް ބޮޑު ބަޖެޓެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 50 މިލިއަން ރުފިޔާ އީދު ފާހަގަކުރުމަށް ބަޖެޓްގައި ހިމަނާފައިވެއެވެ.

 

މިއަދު އޮންލައިން