ދިވެހި ރައްޔިތުންގެ އިޖުތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ މައިދާނުގެ ފައްވާރާ އަލުން އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި މަރުކަޒީ އިދާރާތައް، އީދުގެ އަލިން ދިއްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދެއްކަމަށެވެ. އަދި ޢީދު އަލި ދިއްލުމުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކަންކަން ފުރިހަމަ ކުރައްވާނެކަން ރައްޔިތުންނަށް ސާބިތުވެގެންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ އިޖުތިމާޢީ ކަންކަމަށާއި ކައުންސިލްތައް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހަރުދަނާ އަދި ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިކުރުވާ ސިޔާސަތެއް ކަމަށެވެ.
"ގައުމެއް ކުރިއަރާ ދާނީ އެގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބައިވަންތަކަމާއި އެކަތިގަޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ރައީސުލްޖުމްޙޫރިއްޔާ، ކައުސިލް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމަށް ވަރަށް ހަރުދަނާ މަސައްކަތް ކުރައްވާ" ވަޒީރު ވިދާޅުވިއެވެ.