ޕީއެންއެފްގެ ޖަލްސާއަށް، އެސްއޯ ފުލުހުން ހުރަސްއެޅި މައްސަލައިގައި ފިޔަވަޅު އެޅުމަށް ރައީސް އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޕީއެންއެފްގެ ޖަލްސާއަށް، އެސްއޯ ފުލުހުން ހުރަސްއެޅި މައްސަލައިގައި ފިޔަވަޅު އެޅުމަށް ރައީސް އަންގައިފި

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް، އެސްއޯ ފުލުހުން ހުރަސްއެޅި މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވުމައެކު، ފިޔަވަޅު އެޅުމަށް އަންގައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ނެރުނު ބަޔާނެއްގައެވެ.

ރޭގައި ބާއްވަން އުޅުނު ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން ފުލުހުން އެސަރަހައްދަށް ދިޔައީ، ހުއްދައަކާ ނުލައި ޖަލްސާ ބާއްވަން އުޅެނިކޮށް، ޣިޔާސުއްދީނު ސުކޫލުގެ ފަރާތުން، އެޑިއުކޭޝަން މެދުވެރިކޮށް، ފުލުހުންނަށް އެންގުމުންނެވެ. އެ ސަރަހައްދަށް ގޮސް ފުލުހުން ހަރަކާތްރިވަމުން ދަނިކޮށް، ހަމަނުޖެހުން ހިނގަން ފެށުމުން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ

ބަޔާނުގައި ބުނީ 10 އޭޕްރީލް 2024،ވަނަ ދުވަހު 1800، ހަވީރު 06:00 ގައި އެ ރިވިއުގެ ރިޕޯޓު ވަނީ ރައީސް ޑރ މުއިއްޒުގެ އަރިހަށް ހުށަހަޅާފައި ކަމަށާއި އަދި އެ ރިޕޯޓާ ގުޅިގެން  ރައީސް ވަނީ ވަކި ފިޔަވަޅުތަކެއް ވަގުތުން އެޅުއްވުމަށް އެ މިނިސްޓްރީ މެދުވެރިކޮށް ކަމިޝަނަރ އޮފް ޕޮލިސް އަށް އަންގަވާފައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ބަޔާނުގައި ބުނެފައިވާ ކަންތައްތަކަކީ:

ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖް ވާން ޖެހޭނެ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑަައަޅާ، އެހާލަތްތަކުގައިވެސް ޑިޕްލޮއި ކުރުމުގެ ކުރިން ކަމިޝަނަރ އޮފް ޕޮލިސްގެ ސީދާ ހުއްދައިގެ ދަށުން އެކަންކަން ކުރުން،

ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗަރކޮށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.

ޣިޔާސުއްދީން ސްކޫލުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހުމާލުވެފައިވާނަމަ، އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުން.

އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލު ކުރަމުންދާ އުސޫލު މުރާޖައާކޮށް މިހާރަށްވުރެ ދެފުށް ފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.

ޣިޔާސުއްދީން ސްކޫލްގައި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.

ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީ ވަނިވި ފުލުހުންގެ ހިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުންކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. 

ބަޔާން ނިންމާލަމުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ރޭދުވާ ކުރާ މަސައްކަތްތައް ފާހަގަކޮޮށް ހުރިހާ ފުލުހުންނަށް ޝުކުރު އަދާ ކޮށްފައެވެ.

"މި ފުރުސަތުގައި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހި ފުލުހުން ރެއާއި ދުވާލު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރަމެވެ!" ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

.

މިއަދު އޮންލައިން