ލ.ގާދޫގައި ބަންކަރިން ޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވަޒީރު ފައިސަލް ވިދާޅުވީ، "ކައްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައި. އެގޮތުން ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އަދި ގާދޫގައި ބަންކަރިން ޕޯޓެއްގެ މަސައްކަތް އެމްޕީއެލްއާއިއެކު ކުރިއަށްގެންދިއުމުގެ މަސައްކަތްވެސް މިހާރު އެވަނީ ތައްޔާރުވެފައިކަމަށެވެ.
މިއީ ލ.އަތޮޅަށް މީގެ ކުރިން ދުވަހަކުވެސް ނާންނަ ވަރުގެ ބޮޑެތި މަޝްރޫޢުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ތައްޔާރީތައް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.