މިސަރުކާރަކުން ސިޔާސީ ވެރިންނަށް ބިރެއް ނުދައްކާނެ އަދި ސިޔާސީ ވެރިން ހައްޔަރެއް ވެސް ނުކުރާނެ: ހީނާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މިސަރުކާރަކުން ސިޔާސީ ވެރިންނަށް ބިރެއް ނުދައްކާނެ އަދި ސިޔާސީ ވެރިން ހައްޔަރެއް ވެސް ނުކުރާނެ: ހީނާ

މިސަރުކާރަކުން ސިޔާސީ ވެރިންނަކަށް ބިރެއް ނުދައްކާނެ ކަމަށާއި ސިޔާސީ ވެރިން ހައްޔަރެއް ވެސް ނުކުރާނެ ކަމަށް ޕީއެންސީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އެ އޮންނަ އެންމެ މަތީ މިންވަރަށް އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ ދެވޭނެ ކަމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމަކަށް ވާތީ ކޮންމެ ކަމަކާ ގުޅިގެން ވިޔަސް އެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ.

ހީނާ ވިދާޅުވީ މިސަރުކާރަކުން ސިޔާސީ ވެރިންނަކަށް ބިރެއް ނުދައްކާނެ ކަމަށާއި ސިޔާސީ ވެރިން ހައްޔަރެއް ވެސް ނުކުރާނެ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ހުރިހާ ފަރާތްތަކަށް މިނިވަން ކަމާއެކު ހަރަކާތްތެރިވެވޭނެ މާހައުލެއް އޮތުން ކަމަށް ހީނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ހުރިހާ ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތް ކުރިއަށްގެންދަވަން. އެ ފުރުސަތު މިހާރު އެބައޮތް. އެއްވެސް ގާނޫނީ ހުރަހެއް ނެތް ނުވަތަ އެއްވެސް ކަހަލަ ހުރަހެއް ނެތް އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް،" އޭނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރަކީ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަށް އެންމެ ދަތިކުރި ދުވަސްތައް ކަމަށެވެ.

މިއަދު އޮންލައިން