ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސަރުކާރުގެ ފަރާތުން ޗައިނާ ކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ.

ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ކެމްސީ އިންޖިނިއަރިންއާއިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމްއެވެ. ޗައިނާގެ ކެމްސީ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްސީ އިންޖިނިއަރިން ގެ ޖެނެރަލް މެނޭޖަރ ލީ ވޭވޭއެވެ.

މި މަޝްރޫޢުއާއި ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މަޝްރޫޢު މަސައްކަތް ފެށުމުގެ ކުރިންވެސް މި މަސައްކަތް ފެށުމަށް ބޭނުންވާ މާކެޓު ހޯދުމުގެ މަސައްކަތް އެކުންފުނިން މިހާރުވެސް ފަށާފައިވާ ކަމަށާއި ބަންކަރިން ޚިދުމަތް ފަށާއިރު، މިކަމަށް ދެ ފަރާތެއް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ފަރާތަކީ މި ޚިދުމަތް އިހަވަންދިއްޕޮޅުގައި ދިނުމަށް ހަވާލުކުރެވުނު ވިޓޯލް ކުންފުންޏެވެ. ވިޓޯލްގެ އިތުރުން ދުބާއީ ކުންފުންޏެއްވެސް މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އިކޯ ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރާއިރު އެތަނުގެ މުވައްޒަފުން ބޭސްވެފައި ތިބޭނީ ލ. ފޮނަދޫގައި ކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ރިސޯޓު ތަރައްގީ ކުރާނީ ގާދޫ އާއި ފޮނަދޫއާއި ދޭތެރޭ އޮންނަ ފަޅުގައެވެ.

ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް ކޮމާޝަލް ހާބަރެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

 

 

މިއަދު އޮންލައިން