އައްޑޫއަކީ އެހެން ދީންތަކުގެ ކިއްލާއަކަށް ހަދަން ކުރަމުންއައި މަސައްކަތްތަކަށް ހުއްޓުމެއް އައުމަށް މެދުވެރިކުރެއްވެވި ސަބަބު ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލަން ހެޔޮނުވާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
އައްޑޫއަކީ އެހެން ދީންތަކުގެ ކިއްލާއަކަށް ހަދަން ކުރަމުންއައި މަސައްކަތްތަކަށް ހުއްޓުމެއް އައުމަށް މެދުވެރިކުރެއްވެވި ސަބަބު ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލަން ހެޔޮނުވާނެ!

ނިމިގެންދިއަ ސަރުކާރުން އައްޑޫއަކީ އެހެން ދީންތަކުގެ ކިއްލާއަކަށް ހަދަން މަކަރުވެރިކަމާއިއެކު ކުރަމުން އައި މަސައްކަތްތަކާއި އެމަސައްކަތްތައް ހުއްޓުމަކަށް އައުމަށް މެދުވެރިކުރެއްވެވި ސަބަބު ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. 

އައްޑޫސިޓީއަށް ބަލައިފިނަމަ މިހައި ތަނަށް ވެރިކަން ކުރި އެއްވެސް ސަރުކާރަކުން އައްޑޫސިޓީގެ ތަރައްޤީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައެއް ނުވެއެވެ. ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށްދެވިފައެއް ނުވެއެވެ. އެކަން އެންމެ ބޮޑަށް ފެނިގެންދާނީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓާއި ޞިއްޙީ ޚިދުމަތުގެ ފެންވަރުންނެވެ. ވަޒީފާލިބެން ހުރި ފުރުޞަތުތަކަށް ބެލުމުންނެވެ. 

އައްޑޫ ރައްޔިތުންނަކީ އިންތިހާއަށް ތަރައްޤިއަށް ބޭނުންވެގެން އަބަދުވެސް ތިބޭ ބައެކެވެ. އެކަން އެނގޭތީ މަގުތައް ތަރައްޤިކުރުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފައުޅުގައި އެހެން ދީންތަކަށް އަޅުކަންކޮށް ﷲ ނޫން ކަލާނގެތަކުގެ ކިބައިން ފައުޅުގައި ވާތްގަށް އެދުނީ ރައްޔިތުންގެ ކުރިމަތީގައެވެ. ތަރައްޤިއަށް ބޭނުންވެފައި ތިބިވަރު ބޮޑުކަމުން އެކަމަށް އަޅައިލަންވެސް ގިނަބައަކަށް ފަސްޖެހެވުނީއެވެ. 

އައްޑޫސިޓީއަށް ބަލައިފިނަމަ އެސިޓީއަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ސިޓީކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ އެންމެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ނިޞްބަތްވެވަޑައިގަންނަވަނީ އައްޑޫސިޓީއަކަށްކަން ތާރީޚުން އެނގޭނެއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަކީ މިހާރުވެސް ދީނަށް ލޯބިކުރާ ބައެއްކަން ޤަބޫލުކުރަންޖެހެއެވެ. 

އައްޑޫސިޓީއަކީ އެހެން ދީންތަކުގެ ކިއްލާއަކަށް ހަދަން ކުރަމުން އައި މަސައްކަތް ނިމުމަކަށް ގެނެސްދެއްވެވީ ﷲ ތަޢާލާއެވެ. އެކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލައިގެންނުވާނެއެވެ. 

އައްޑޫސިޓީގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ހަދިޔާކުރަމުން އަންނަތާ އެތައް އަހަރެއް ފާއިތުވިއިރުވެސް އައްޑޫސިޓީއަށް އެކަމުން ކުރި ފައިދާއެއް ފެންނަން ނެތްކަމަށް ބުނަން ޖެހެނީ ފައިދާކުރަންޖެހޭނެ މިންވަރާއި ގާތަކަށްވެސް ފައިދާކޮށްފައި ނެތުމުންނެވެ. ސަޅިބައިސާކެނޑުމާއި ރައްޔިތުންނަށް މަލކަރުހަދައި އޮޅުވާލުން އިންތިހާއަށް ބޮޑުވެފައި އޮތުމުންނެވެ. 

މިއީ އައްޑޫސިޓީގެ ރައްޔިތުން ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވީ ވަޤުތެވެ. ދައްކާ އަވާމެންދުރަށް ނުހެއްލި ޙަޤީޤީ ތަރައްޤި ލިބިގަންނަން މަސައްކަތްކުރަންވީ ވަޤުތެވެ. ހަމަޤައިމުވެސް ރައީސް ޑރ. މުޢިއްޒު މިހައިތަނަށް ވެވަޑައިގެންފައިވާ އެއްވެސް ވަޢުދެއް، ވަޢުދުވެވަޑައިގެންނެވި ގޮތަށް ނުފުއްދަވައެއް ނެތެވެ. އެންމެ 4 މަސް ދުވަސްތެރޭގައި އެކަންކަން ވަނީ ރައްޔިތުންގެ ލޯތަކަށް ދައްކަވައިދެއްވައިފައެވެ. އަތުން ހިފަން ފުރުޞަތު ދެއްވައިފައެވެ. ވީމާ ޝައްކުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. 

މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮވެ 5 އަހަރުގެ ވެރިކަމެއް ނިމިގެންދިއައިރު ކޮށްނުދިން ކަންތައްތަކެއް މަޖިލިސް އިންތިޚާބު ކާމިޔާބުވުމުން ކޮށްދޭނެކަމަށްބުނެ ދައްކާ ވާހަކަތައް ޤަބޫލުކުރުމަކީ ބައަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ. އެބާވަތުގެ ލައްކަ ގިނަ ތާކިހާތައް މާޒީގައިވަނީ ބޮލުގައި އަޅުވައިފައެވެ. އަތްލަން ލިބުނު ނަތީޖާއަށް ބަލައި އައްޑޫސިޓީއަކީ އެންމެ ބޮޑަށް ތަރައްޤިވެފައިވާ ސިޓީކަމަށް ހަދަން ލިބޭ ފުރުޞަތު ދޫކޮށްނުލަމާ ހިނގާށެވެ! 

 

(މަތީގައިވާ ލިޔުމަކީ އައްޑޫސިޓީގެ ބައެއް ހަރު ބޭފުޅުން ދެއްވި މަޢުލޫމާތަށް ލިޔެފައިވާ ލިޔުމެކެވެ.)

 

މިއަދު އޮންލައިން