އައްޑޫ ސިޓީގެ ފެނުގެ ޚިދުމަތް އަޕްގްރޭޑް ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ޝަރަފުވެރިކޮށްދެއްވީ މި ރަސްމިއްޔާތު ގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާޙިމް ޠަޢާމް މުހައްމަދެވެ. މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު އެވެ.
މިމަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 282 މިލިއަން ރުފިޔާ އަށެވެ.
މި މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމާއި ހުޅުމީދޫގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމާއި، ބޯ ހޯލް ތޮރުފުމާއި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ޤާއިމް ކުރުމުގެ އިތުރުން ފެން ރައްކާކުރުމުގެ ރިޒާވް އިތުރު ކުރެވޭނެއެވެ.
އަދި ގުޅިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމަށް 6 ތާންގީއެއް ބަހައްޓައި 13،000 ޓަނަށް ސްޓޯރޭޖް އިތުރު ކުރެވޭނެއެވެ. މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޤާއިމްވެފައި ހުރި 3 ގަޑިއިރުގެ ފެނުގެ ރިޒާވް، ހަފްތާއެއް ހާ ދުވަހުގެ ރިޒާވަކަށް ބޮޑުވެގެންދާނެއެވެ.
މީގެއިތުރުން ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއެކު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާންގި ބަހައްޓާނެ އެވެ.
މިމަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި ކަމާ ގުޅޭ މުވައްޒަފުން ތަމްރީން ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.