އަރބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަރބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނަން: ރައީސް

އަރބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެ އަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ އެއަރޕޯޓުގެ މަޝްރޫޢަކީ ރަށަށް އާރޯކަމެއް ގެނެސްދޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި އެމަސައްކަތް އަވަހަށް ނިންމައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު މަރާމާތަށް ބޭނުންވެފައިވާތީ އެކަމަށް ޙައްލެއް ހޯދުމާއި، ފެނުގެ ނިޒާމު އަވަހަށް ނިންމުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، އިސްލާމީ މަރުކަޒެއް ބިނާކުރުމާއި، ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް އެރަށުގައި ގެންގޮސްދެއްވުމަށް އެދުމާއި، ކައުންސިލު އިދާރާ ބާވެފައި ވުމުން އައު އިމާރާތެއްގެ ބޭނުންތެރިކަމާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމާއި، ފެރީނިޒާމުގެ ބޭނުންތެރިކަން ހިމެނެއެވެ.

މީގެ އިތުރުން ޕާކެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފ. އަތޮޅު ކައުންސިލުން ވެސް ވަނީ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަންކަމާއި ކައުންސިލުގެ ކުރިއެރުމާއި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފ. ނިލަންދޫ އަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާއިރު މިހާރަށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން އަރބަން ސެންޓަރަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން