ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު ރާއްޖެއިން ކަނޑުވާލައްވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފީއަލީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު މިހާރު ކެނޑިގެންގޮސްފައިވާކަމަށާއި މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރައީސަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް އެމަނިކުފާނަކީ ބަދަލުހިފުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނިގެންދަނީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ފަލްސަފާއެއް ގާއިމްކުރުމުގެ ސިޔާސަތެއް ކަމަށާއި މިކަމުން ރައްޔިތުންނަށް ވަރަށް ބޮޑު އުއްމީދެއް އާވެގެންދާ ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް ފެނުނު މަންޒަރެއް ނޫންކަމަށެވެ.
"ތިބޭފުޅުންނަށް މިއަދު ފެނިވަޑައިގަންނަވާނެ މިހާހިސާބަށް އައިއިރުގައި ސިޔާސީ ވެރިންނަކަށް އެއްވެސް ހުރަހެއް ގޮންޖެހުމެއް ދަތިކަމެއް ނެތި އެމަނިކުފާނު އެވަނީ ސިޔާސީ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި ދައްކަން ބޭނުންފުޅުވާ ހުރިހައި ވާހަކައެއްވިއަސް އެކަމަށް ފުރުސަތު ހުޅުވާލާފައި." ވަޒީރު ވިދާޅުވިއެވެ.