އެމްޑީޕީގެ ފަރާތުން ފެންނަނީ ސިޔާސަތުތައް ވިއްކުމުގެ ބަދަލުގައި އެންޓި ކެމްޕެއިން ކުރުން ކަމަށް ޕީޕީއެމް/ ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ފަރާތުން ފެންނަނީ ސިޔާސަތުތައް ވިއްކުމުގެ ބަދަލުގައި އެންޓި ކެމްޕެއިން ކުރަމުންދާކަމަށް މަންޒަރުކަމަށާއި އަދި އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ބަދަލު ހިފުމުގެ ރޫހެއްގައިކަމަށްްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭނު ކުރިއަށްދަނީ އެއްވެސް އަމާޒެއް ނެތި ކަމަށާއި ''އެނބުރެމުން ސެނބުރެމުން ވަހުތާނެއް ކަހަލަ ގޮތަށް އެ ބޭފުޅުންގެ ކެމްޕޭނު ދާތީވެ ވަރަށް ބޮޑަށް ކަންބޮޑުވޭ' ކަމަށެވެ.
މީގެއިތުރުން އެމްޑީޕީން މާލޭ މަގުމަތީގައި ދަމާފައިވާ ބެނާތަކަށް އިޝާރާތްކުރައްވާ ހީނާ ވިދާޅުވީ އެ ބެނާތަކުންވެސް ފެންނަނީ އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ޝުއޫރުތައް ކަމަށެވެ. ވިދާޅުވީ މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީއަށް ދެވަނަ ދައުރަކަށް ނުހޮވުމުގެ ''ރިހުމުން'' އަރައިނުގަނެވޭ ކަމަށެވެ.
ހީނާ ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕޭން ކުރަމުންދިޔަނަމަވެސް އެކަންކަން އިލެކްޝަންސް ކޮމިޝަނުން ބަލައި ފިޔަވަޅު ނާޅުއްވާތީ އެކޯލިޝަނުން ކަންބޮޑުވާކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރިކޮށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ބަޔާނެއްނެރެފައެވެ.
މި ބަޔާނުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ:
"އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން މި ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދެއެވެ. މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ޤާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށެވެ. އަދި މި އިންތިޚާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ދަނީ ބުނަމުންނެވެ. މިއީ ކަނޑައެޅިގެން އިންތިޚާބުތަކާބެހޭ ޤާނޫނާވެސް ޚިލާފުކަމެކެވެ.
އެހެންކަމުން ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް މި ކޯލިޝަނުން ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލަމެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަޙްޤީޤުކުރުމަށްވެސް މި ކޯލިޝަނުން ގޮވާލަމެވެ."