ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެންޕެއިން ހަރަކާތެއްގައި އިޙްސާން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ސަރުކާރުން އެދޭ ހުރިހާ ގޮތަކަށް ވޯޓުލާން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅުވަނީވެސް ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ.
"ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކީ ޤައުމަށް ރަނގަޅު ޤައުމަށް ހެޔޮގޮތްތަކަށް ތަރުހީބުދޭ، ޤައުމަށް ނުރަނގަޅު ގޮތްތަކަށް ނޫނެކޭ ބުނާ ފަރާތްތައް. އެގޮތަށް މިކަން ކުރުން އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން އެދޭ އެދުމަކީ" އިޙްސާން ވިދާޅުވިއެވެ.