ހުޅުމާލޭގައި ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތްކުރަން ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހުޅުމާލޭގައި ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތްކުރަން ހަވާލުކޮށްފި

ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި ކޮމްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމް ގެ ވަސީލަތްތައް ހިމަނައިގެންނެވެ.

ހުޅުމާލޭގައި އިމާރާތްކުރާ މި ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.  އަދި އިމާރާތް ކުރާ ކޮންޓްރެކްޓަރ، ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒޯ ވެއިޑޮންގ އެވެ. 

މި އެއްބަސްވުމުގެ ދަށުން ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 

ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މި ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތްކުރާ މި ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އާށް އަންނަ އިންގިލާބީ ބަދަލެއް ކަމުގައެވެ. އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުން ލިބޭނެއެވެ. 

މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެއެވެ. 

އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެއެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެއެވެ. 

މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން