ދަރިންގެ ހިތުގައި އިސްލާމްދީނަށާއި ކީރިތިޤުރުއާނަށް ލޯބި އުފެއްދުމަށް ސާޖިދާ އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދަރިންގެ ހިތުގައި އިސްލާމްދީނަށާއި ކީރިތިޤުރުއާނަށް ލޯބި އުފެއްދުމަށް ސާޖިދާ އެދިވަޑައިގެންފި

އިސްލާމީގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކޮށް، އެދަރިންގެ ހިތުގައި އިސްލާމްދީނަށާއި ކީރިތިޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ. 

އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ 'ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024' ޝަރަފުވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. 

މެޑަމް ސާޖިދާ ވަނީ ދަރިންނަކީ އިސްލާމީ ރިވެތި އުސޫލުތައް އަށަގެންފައިވާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް ބެލެނިވެރިންނަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. 

އަދި މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިންކަން ފާހަގަކުރައްވައި މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެއާއެކު ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ވެސް ބާރުއަޅުއްވާފައެވެ. 

ޗައިމްސް ޕްރީ-ސްކޫލުން ދަސްވެނިވި 23 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވިއެވެ. މި ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ޚާއްޞަ ކުރެހުމެއް އެކަމަނާއަށް އެރުވިއެވެ. 

ޗައިމްސް ޕްރީ ސްކޫލްގައި މިހާރު 117 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.

 

މިއަދު އޮންލައިން