މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހަލީލް ވިދާޅުވީ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ހިދުމަތް ހޯދުމަށް އޮންނަ ބާރު ކުޑަކުރުމަށްޓަކައި އަތޮޅު ތެރޭގައިވެސް ސިއްހީ އެކި ހިދުމަތްތައް ފެށުމަކީ ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަމެއް ކަމަށާއި ސީޓީ ސްކޭންގެ ހިދުމަތާއި އެމްއާރްއައި ހެއްދުމުގެ ހިދުމަތާއި އަދި ޑައިލިސިސްގެ ހިދުމަތަކީ ކޮންމެ އަތޮޅެއްގައިވެސް ފެށިދާނެ ހިދުމަތެއް ކަމަށެވެ. ވަކިން ހާއްސަކޮށް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމުގައި ވިދާޅުވި އެވެ.

"މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ، އެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." ސިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އަތޮޅުތަކުގައި ވެސް ގިނަ ބަޔަކު އުޅެއެވެ.

 

މިއަދު އޮންލައިން