އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 6.17 މިލިއަން ރުފިޔާ ލިބުނެވެ.
މި އަދަދަކީ މި މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ފައިދާއަށްވުރެ ދަށް އަދަދެކެވެ. ސަބަބެއްގެ ގޮތުގައި އެމްޓީސީސީ އިން ފާހަގަކުރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ހަރަދު އިތުރުވުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 789.22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 664.44 މިލިއަން ރުފިޔާއެވެ. އަދި ފައިދާގެ ގޮތުގައި ލިބިފައިވަނީ 5.24 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީ އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކި މަރުހަލާތަކުގައި 196 މަޝްރޫއެއްގެ މަސައްކަތް ކުރި އެވެ.