އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން 143 ގައުމުގެ ވޯޓާއެކު ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން 143 ގައުމުގެ ވޯޓާއެކު ފާސްކޮށްފި

އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން 143 ގައުމުގެ ވޯޓާއެކު ފާސްކޮށްފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް އދ.ގައި ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. 

މި ޤަރާރާ ދެކޮޅަށް ނުވަ ޤައުމަކުން ވޯޓު ދީފައިވާއިރު, އޭގެ ތެރޭގައި ޒަޔަނިސްޓުންގެ އިސްރާއީލާއި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާ ހިމެނެއެވެ. 25 ޤައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އދގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި އޮތީ "ފަލަސްޠީނުގެ ދަޢުލަތެއްގެ ދަރަޖަ ބަލައިގަންނަ" ކަމަށާއި, "[ފަލަސްޠީނަށް] އދގެ މެންބަރަކަށް ވުމުގެ ފުރުޞަތު ދޭން ޖެހޭ" ކަމުގައެވެ. އަދި, ފަލަސްޠީނުގެ ހުށަހެޅުން ބަލައިގަތުމަށް އެ މަޖިލީހުން ވަނީ ސަލާމަތީ މަޖިލީހަށް ގޮވައިލާފައެވެ.

މިއަދު ފާސްކުރެވުނު މި ގަރާރަކީ ރާއްޖެއިން ކޯ ސްޕޮންސަރު ވެސް ކޮށްފައިވާ ގަރާރެކެވެ.

މި ވޯޓާއެކު އދ.ގެ އާންމު މަޖިލީހުން ވަނީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅައިފައި އޮތް ހުށަހެޅުން މުރާޖާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލައިފައެވެ.

މިހާރު 193 ގައުމެއް އދ.ގެ މެމްބަރުންގެ ގޮތުގައި ތިބިއިރު، ފަލަސްތީނަށް މެމްބަރުކަން ލިބުމުން 194ވަނަ ގައުމަށް އެ ގައުމު ވާނެއެވެ.

 

މިއަދު އޮންލައިން