ޢިބްރަތްތެރި ވާހަކަ: ކުޑައިރުންސުރެ ހިތުގަ ރަނިކަންކުރާ ހިތުގެ ރާނީ ލިބެން ލިބުނު ފުރުޞަތު އަނބިމީހާއާ 2 ދަރިންނަށްޓަކާ ދޫކޮށްލި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޢިބްރަތްތެރި ވާހަކަ: ކުޑައިރުންސުރެ ހިތުގަ ރަނިކަންކުރާ ހިތުގެ ރާނީ ލިބެން ލިބުނު ފުރުޞަތު އަނބިމީހާއާ 2 ދަރިންނަށްޓަކާ ދޫކޮށްލި ޒުވާނެއްގެ ވާހަކަ-

ގިނަ ބައަކަށް މިއަދު އޮޅިގެން މިއުޅެނީ އެމީހަކު ލޯބިވާންވީ ފަރާތެވެ! ތިމާގެ ހިތުގެ ލޯތްބާއި ޢާއިލީ ދިރިއުޅުން ދެކެ ވާންޖެހޭ ލޯތްބެވެ! ހިތުގެ ލޯބިވެރިޔާއަށް ޑޭންޖެހޭ މަޤާމާއި އަނބިމީހާއަށާއި ދަރިންނަށް ދޭންޖެހޭ މަޤާމެވެ. ކައިވެނިކުރަންޖެހުނީ ހިތުގެ ލޯބިވެރިޔާ ނޫން އެހެން މީހަކާއި ކަމަށްވެއްޖެ ނަމަ ހިތުގެ ލޯބިވެރިޔާއަށްޓަކާ އަނބިމީހާ ނިކަމެތިކޮށްލައިގެން ނުވާނެ ކަމެވެ.  

ތިރީގައި އެވަނީ އެކަންކަން ޤަބޫލުކުރެވުނު ޒުވާނަކު އޭނާގެ ހިތުގެ ލޯބި ޤުރްބާންކޮށްލައި އަނބިމީހާއަށާއި 2 ދަރިންނަށް އިސްކަން ދިން ގޮތުގެ ވާހަކައެވެ. މިގޮތަށް ޢަމަލުކޮށްފިނަމަ ނިކަމެތިވެ ހިތާމަކުރަންޖެހޭނެ މީހުން ހާދަމަދުވާނެއެވެ.  

ވާހަކަވިދާޅުވެލައްވާށެވެ!  

އޭނާއަކީ އަޅުގަނޑުގެ އަވަށްޓެރިއެކެވެ. ވަރަށް ޚާއްޞަ އަވަށްޓެރިއެކެވެ. އެއީ ލޯބިވުމަކީ ކޮބައިކަން އެނގުނީންސުރެ އޭނާދެކެ އަޅުގަނޑު ލޯބިވާތީއެވެ. އޭނާ އާއި ކައިވެނިކުރަން ބޭނުންވާތީއެވެ. ނަމަވެސް އޭނާ އަޅުގަނޑު ދެކެ ލޯތްބެއް ނުވެއެވެ. އޭނާ ލޯބިވަނީ އަވަށްޓެރި އެހެން ޒުވާނަކު ދެކެއެވެ. 

އޭނާ ލޯބިވާ ޒުވާނާއަކީ މަސައްކަތްކުރާ ޒުވާނެއްވެސް ނޫނެވެ. ބަސްމަގު ހުތުރު ޒުވާނެކެވެ. ތަޅާއަނިޔާކުރާ ޒުވާނެކެވެ. ކިތަންމެ ފަހަރަކު މަގުމަތީގައި އަނިޔާކުރަނިކޮށް ދެމީހުންގެ ދެމެދަށްވެސް ވަންނަމެވެ. ޢަޖައިބުވާންޖެހޭ ކަމަކީ އެވަރަށް އަނިޔާކޮށް ނުބައިބަސްތައް ބުނާއިރުވެސް އޭނާދެކެ އަންހެންކުއްޖާ ލޯބިވާތީއެވެ.  

އެއްރޭ ގޭދޮރުމަތީގައި ހުއްޓާ އަންހެން ކުއްޖާ އައެވެ. މޫނުގެ އެއްފަޅި ހުރީ ދުޅަވެފައެވެ. ލޯބިވާ މީހާ ޖެހުމުންނެވެ. އަޅުގަނޑު ގާތުގައި ހުރެ ރޯންފެށުމުން އޭނާ ދޫކޮށްލައި އަޅުގަނޑާއި ކައިވެނިކުރަން އެދުނީމެވެ. ނަމަވެސް އޭނާކުރީ އިންކާރެވެ. ބުނީ އެހެން މީހަކު ދެކެ ލޯބި ނުވެވޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކަންކަންކުރި ނަމަވެސް ކައިވެނިކުރާނީ ހަމަ އޭނާ އާއި ކަމަށެވެ.  

އެގޮތަށް ބުނުމުންވެސް އަޅުގަނޑު އޭނާއަށް އިންތިޒާރުކުރީމެވެ. ނަމަވެސް ހިތުގައި ސުވާލުތަކެއް އުފެދެން ފެށިއެވެ. "އޭނާއަށް ހުތުރު ބަސްތައް ގޮވައި ތަޅާ އަނިޔާކުރާއިރުވެސް އޭނާ ކައިވެނިކުރަން ބޭނުންވަނީ ހަމަ އެޒުވާނާ އާއިއެވެ. އޭނާ އަހަރެންދެކެ ލޯބިނުވާކަމަށް ބުނާއިރުވެސް އަހަރެންނާއި ކައިވެނިނުކުރާނެ ކަމަށްބުނާއިރުވެސް އަހަރެންނަށް މިބޭނުންވެވެނީ ހަމަ އޭނާ އާއި ކައިވެނިކުރާށެވެ. މިއީ އަޅެ ބޮޑު އަރަތެއް ނޫން ހެއްޔެވެ؟"  

ކޮންމެއަކަސް އެންމެފަހުން އަޅުގަނޑު ނިންމީ އަޅުގަނޑުދެކެ ލޯބިވާ، އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާ އަންހެނެކާއިއެކު ޒަވާޖީ ޙަޔާތެއް ފެށުމަށެވެ. ޙަޔާތަކީ އަގުބޮޑު އެއްޗަކަށްވާތީއެވެ. ގެއްލިގެންދާ އެންމެ ދުވަހެއްވެސް އަނބުރައި ނުލިބޭނެތީއެވެ.  

އަޅުގަނޑުދެކެ ލޯބިވާ ކަމަށާއި ކައިވެނިކުރަން ބޭނުން ކަމަށް ބުނަމުން އައި ކުއްޖަކާއި އަޅުގަނޑު ކައިވެނިކުރީމެވެ. ކައިވެނީގެ ކަންކަން ދިއައީވެސް ވަރަށް ރަނގަޅަށެވެ. ކައިވެނިކުރިއިރު އަޅުގަނޑުގެ ހިތުގައި އޭނާގެ މައްޗަށް ލޯބި ނެތްނަމަވެސް އޭނާގެ ކިބައިގައި ހުރި ރިވެތި އަޚްލާޤްގެ ސަބަބުން ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިތުގައި ލޯބި އުފެދުނެވެ.  

ކައިވެންޏަށް 4 އަހަރުވީއިރު ދެ ދަރިންވެސް ވަނީ ލިބިފައެވެ. ދުވަހަކުވެސް މައްސަލަ ޖެހި، ދެބަސްވެ ޒުވާބުކުރާކަށްވެސް ނުޖެހެއެވެ. އުފެދޭ ކުދިކުދި މައްސަލަތައް ވާހަކަ ދައްކައިގެން ޙައްލުކުރެވެއެވެ.  

އެއްރޭ ކައި ނިމުނުތަނާހެން އެޕާޓްމަންޓްގެ ބެލް ޖެހުމުން ހުޅުވިއިރު ހުރީ އަޅުގަނޑު އެއަންހެނަކަށް އެންމެ ބޭނުންވި އަންހެނާއެވެ. އެއިރުވެސް މޫނުގެ ތަންތަން ހުރީ ދުޅަވެފައެވެ. ނޭފަތުންނާއި އަނގައިން ލޭ އާދެއެވެ. އަނގައިން ލޭ އަންނަނީ އަނގަމަތި ފަޅައިގެން ގޮސްފައި ހުރުމުންނެވެ.  

އެމަންޒަރު ފެނުމުން ވަރަށް އަސަރުކުރިއެވެ. އަދި އަވަސް އަވަހަށް ގެއަށް ވައްދާފައި އޭނާއަށް އެހީތެރިވެދިނުމަށް އަނބިމީހާގެ ގާތުގައި އެދުނީމެވެ. އަނބިމީހާ ބޭނުންވީ އޭނާ ގޮވައިގެން ހޮސްޕިޓަލަށްދާށެވެ. އެކަމަށްވެސް އެއްބަސްވީމެވެ.  

އަނބިމީހާ އެނބުރި އައީވެސް އޭނާ ގޮވައިގެންނެވެ. އޭނާ އެދުނީ ރަނގަޅުވެލަންދެން ގޭގައި ބައިންދާލަ ދިނުމަށެވެ. އަނބިމީހާ ހުރީ އެކަމަށް އެއްބަސްވެގެންނެވެ. އެހެންވެ އަޅުގަނޑުވެސް އެއްބަސްވީމެވެ.  

މަސް ދެމަސް 3 މަސްވުމުން ވެސް އޭނާ ދާކަށް ނޫޅުނެވެ. އަނބިމީހާ އާއި ގުޅާލައިގެން އުޅުީ ގޭގައެވެ. ނަމަވެސް ދެން ކުރިމަތިވީ ޙައްލުކުރަން އެންމެ އުނދަގޫވި މައްސަލައެވެ. އަނބިމީހާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ ރުއްސައިގެން އޭނާ ބޭނުންވީ އަޅުގަނޑާއި ދެއަންތބަށް ކައިވެނިކުރާށެވެ. 

އަނބިމީހާ އެކަމަށް ރުހުނީ އަޅުގަނޑު އޭނާދެކެ ލޯބިވާވަރު އެނގުމުން އަޅުގަނޑަށް އުފާވެރިކަން ހޯދައިދޭށެވެ. ނަމަވެސް އެކަން އަޅުގަނޑަށް ޤަބޫލެއް ނުކުރެވުނެވެ. އަޅުގަނޑު ބިރުގަތީ އެކަންކޮށްފިނަމަ އަނބިމީހާ ދެކެ ފޫހިވެދާނެތީއެވެ. ދެދަރިންގެ މަންމަ ހިތުގައި ޖެހޭނެ ފަދަ ގޮތެއް މެދުވެރިވެދާނެތީއެވެ. ދެދަރިންގެ މަންމަގެ ހިތުގައި ޖެހިދާނެ ފަދަ ކަމެއް ކުރަން ބޭނުންނުވާތީއެވެ.  

ތަކުރާރުކޮށް އަޅުގަނޑު އިންކާރުކުރުމުން އޭނާ ގެއިން ނުކުމެގެންދަމުން ބުނީ އަޅުގަނޑު އޭނާދެކެ ކުރިންވެސް ލޯބިނުވާކަމަށެވެ. ލޯބިވީނަމަ ދެއަންތބަށް ކައިވެނިކުރާނެ ކަމަށެވެ. އަޅުގަނޑު އޭނާދެއްކި އެ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. އެއީ ދިރިއުޅުން ފަށައި ދަރިން ލިބުމުން ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗަކަށް ހަދަން ބޭނުން ނުވާތީއެވެ. އަދި ލޯބިވުމަކީ ބޭނުންވުމުން ފަތިޖަހާ ގައަށް ހެޔޮވަރުކުރާ ލިބާހަކަށް ހަދަން ބޭނުންނުވާތީއެވެ. އަޅުގަނޑުގެ ވިސްނުމަކީ ގައަށް ހެޔޮވަރުނުވީމާ ދޫކޮށް ނުވަތަ ބާރުކޮށް އޮތަސް ހަމަ އެންމެ ރަނގަޅު ކަމަށް ޤަބޫލުކޮށްލުމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނާނެ ވަކިބަހެއް ނެތެވެ. ނަމަވެސް ސުވާލެއް ކޮށްލާނަމެވެ. އެ ސުވާލަކީ އަޅުގަނޑަށް ކަންކަން މިކުރެވުނީ ގޯސްކޮށްތޯއެވެ؟ މިކިޔައިދިން ގޮތަށް ކަންކަން ދިމާވުމުން ދެއަންތބަށް ކައިވެނިނުކުރުމަކީ ކުރިން އަޅުގަނޑުދެކެ ލޯބިނުވާކަމުގެ ހެއްކެއްތޯއެވެ؟  

ޖަވާބުދެއްވައިފިނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަމެވެ!  

- ރަމީޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން