ޑޮކްޓަރުން ފަރުވާ ލިޔުނަސް ބަލިމީހުންނަށް ފަރުވާދެނީ ނަރުހުން- ނަރުހުންގެ ޤުރްބާނީއަށް ހާސްފަށުން ތަޢްރީފް ޙައްޤު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޑޮކްޓަރުން ފަރުވާ ލިޔުނަސް ބަލިމީހުންނަށް ފަރުވާދެނީ ނަރުހުން- ނަރުހުންގެ ޤުރްބާނީއަށް ހާސްފަށުން ތަޢްރީފް ޙައްޤު!

ޑޮކްޓަރުން ފަރުވާ ލިޔުނަސް ބަލިމީހުންނަށް ފަރުވާދެނީ ނަރުހުންނެވެ. ނަރުހުންގެ އަތްތަކުންނެވެ. ނަރުހުންގެ ޚިދުމަތަކީ ތަޢްރީފް ޙައްޤު ޚިދުމަތެކެވެ. އެއީ ހަމައެކަނި މުސާރައަށް ކުރާ މަސައްކަތެއް ނޫންކަން ނަރުހުން ގެންދަނީ ޢަމަލީ ގޮތުން ދައްކައިދެމުންނެވެ. 

ނަރުހުންގެ ހިތުގެ ރަޙުމާއި އޯގާތެރި އަޅައިލުން ނުލިބޭނަމަ ޑޮކްޓަރުން ކިތަންމެ މޮޅު ބޭސްފަރުވާއެއް ލިޔުނަސް ބަލިމީހުންނަށް އޮންނާނީ ލިބެންވާ ގޮތަށް ޝިފާ ނުލިބިފައެވެ. އެއީ ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް އެދްމިޓްވެގެން ފަރުވާ ހޯދާ މީހުންނަށް ޔަޤީންވާނެ ކަމެކެވެ.  

ދިވެހި ނަރުހުން ކުރަމުން ގެންދާ އަގުހުރި ޚިދުމަތަށް ބަލާއިރު އެކަށީގެންވާ އުޖޫރައެއް އަދިވެސް ލިބެމުން ނުދާކަން ފާހަގަކުރެވެއެވެ. ރޭގަނޑުގެ ނިދިން މަޙްރޫމްވެގެން ތިބެގެންނާއި ޚިދުމަތަށް ގޮވާލި ކޮންމެ ވަޤުތަކު ނުކުމެ ހިނިތުންވެ ތިބެގެން ނަރުހުންދޭ ޚިދުމަތުގެ އަގު ވަޒަންކުރާކަން ހާމަކުރަންވެސް ނަރުހުންނަށް ދޭ އުޖޫރަ އާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ގިން ބައަކު ފާހަގަކުރެއެވެ. 

މުސްލިމް އަންހެނުން ނަރުހުންގެ ޚިދުމަތަށް ނުކުތީ އިސްލާމް ދީން އައުމާއިއެކުގައެވެ. އެގޮތުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ދުވަސްވަރު ނުވަތަ އެޒަމާނުގައި ކުރެވުނު ހަނގުރާމަތަކުގައި އަނިޔާ ލިބޭ ޞަޙާބީންނަށް ފަރުވާ ދެއްވުމުގައި އެކަނބަލުން ވަނީ ޙަރަކާތްތެރިވެލައްވައިފައެވެ. 

މިގޮތުން އިސްލާމީ ސިޔަރަތުގައި ފާހަގަކުރެވޭ ނަރުސް އަދި ސާޖަނަކީ ރުފައިދާ އަލް އަސްލަމިޔާއެވެ. އެކަމަނާއަކީ މަދީނާއިން އެންމެ ފުރަތަމަ އިސްލާމް ދީނަށް ވަދެވަޑައިގެންނެވި އެއް ޞަޙާބީއެވެ. 

ރުފައިދާޚިދުމަތަށް މިއަދުވެސް ދުނިޔޭގެ ފެންވަރުގައި އެކަމަނާއަށް (އެކަމަނާ ކުރެއްވެވި ޚިދުމަތަށް) ގެންދަނީ ތަޢްރީފްކުރަމުންނެވެ. އެކަމުން އެނގިގެންދަނީ އިޚްލާޞްތެރި ޚިދުމަތުގެ އަގު ދުނިޔެއިން އަބަދުވެސް ފާހަގަކުރަމުން ގެންދާނެކަމެވެ.

 

މިއަދު އޮންލައިން