ހުޅުމާލޭގެ 1 ވަނަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި މި ކޯޕަރޭޝަންގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި 30 ދުވަސް ތެރޭގައި ނެގުމަށާއި، ހުޅުމާލޭގެ 2 ވަ ފިޔަވައްސާއި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެޗްޑީސީ އިން އަންގައިފިއެވެ.
އެޗްޑީސީ އިން ބުނެފައިވަނީ ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށާއި އަދި މިގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ދަނީ ކުރަމުން ކަމަށެވެ.
"އެހެންކަމުން ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފުކޮށްދިނުމަކީ މި ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެއް. އަދި ކަނޑައެޅިފައި ވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމުގައި ދަންނަވަން. އަދި މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަން ވެސް ދަންނަވަން" އެޗްޑީސީ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އެހެންކަމުން ހުޅުމާލޭގެ 2 ވަނަ އަދހި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމާއި، މިގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން 7 ޖޫން 2024 ގެކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.