ޢިބްރަތްތެރި ވާހަކަ: ބީރުވުމުން ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުންނަށް ޙައްލެއް ހޯދައި ނުދެވިއޮއްވައި ދިހަ އަހަރުފަހުން ފުރަތަމަވެސް ﷲ އަކްބަރުގެ އަޑުއިވުނު މީހެއްގެ ވާހަކަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޢިބްރަތްތެރި ވާހަކަ: ބީރުވުމުން ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުންނަށް ޙައްލެއް ހޯދައި ނުދެވިއޮއްވައި  ދިހަ އަހަރުފަހުން ފުރަތަމަވެސް ﷲ އަކްބަރުގެ އަޑުއިވުނު މީހެއްގެ ވާހަކަ-!

އެއްވެސް ކަމެއް މެދުވެރިވުމުން އެކަމެއް2 ތިމާއަށް ގެއްލުނު ނުވަތަ ޙާޞިލުކުރެވުނު ސަބަބު ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ޖެހޭނީ ލަފާކުރާށެވެ! މިކަމުގައި އެމީހަކަށް ކުރެވޭ ޢަމަލުތައް ބޮޑު ދައުރެއް އަދާކުރެއެވެ. 

ތިރީގައިވާ ވާހަކައަކީ ނިކަމެތިވެ ޙާލުގައި ޖެހިފައި ތިބޭ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިވުމުގައި ނަމޫނާ ދެއްކި މީހަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެކެވެ. އެކުއްޖާގެ ފުރާނަ ސަލާމަތްކުރަން އޭނާކުރި ބޮޑު ހޭދައަށް މާބޮޑު ބަދަލެއް ލިބުނު ގޮތުގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ. 

އަޅުގަނޑަކީ އުމުރުން 20 އަހަރުގަ ކަންފަތަށް އަޑުއިވުމުން މަޙްރޫމްވި މީހަކީމެވެ. މައިންބަފައިން އަޅުގަނޑު ގޮވައިގެން ގޮސް ސިންގަޕޫރު، ބެންކޮކް، ޖަރުމަން ފަދަ ޤައުމުތަކުންވެސް ބޭސްކުރިއެވެ. ނަމަވެސް އެއްވެސް ޝިފާއެއް ވަނީ ނުލިބިފައެވެ. 

ކަނފަތަށް އަޑުއިވުމަކީވެސް ﷲ ދެއްވަވާ ނިޢްމަތެކެވެ. އިރާދަކުރައްވަވާ ވަގުތަކު އަނބުރާ ގެންދަވާނެއެވެ. އެއީ ޝަކުވާކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އެކަން ޤަބޫލުކޮށް ކެތްތެރިވެގެން ހުރީއެވެ. އުމުރުން 30 އަހަރުގެ މަންމަ އާއި ބައްޕަވެސް ނިޔާވެއްޖެއެވެ. ދެން ގޭގައި އުޅުނީ އެކަންޏެވެ. ބީރުވީފަހުން ދިރިއުޅެން މާބޮޑު މަސައްކަތެއް ނުކުރަމެވެ. ނަމަވެސް ބައެއް ބާވަތުގެ މުދައު އެތެރެކޮށް ގަނޑުކޮށް ވިއްކުން ފަދަ ކަންކަން ކުރަމެވެ. 

މިހެން އުޅުމުގެ ތެރޭގައި އެއްދުވަހަކު ހަވީރު ކުޑަކުއްޖަކު ގޮވައިގެން މަގުމަތީގައި ރޯންހުރި އަންހެނަކާއި ބައްދަލުވިއެވެ. އޭނާ އާއި ސުވާލުކުރުމުން އެނގުނީ ފިރިމީހާ ވަރިކޮށްލާފައި ގެއިން ނެރެލުމުން ގޮސް އުޅުނު ގެއިން ކަންކަންކުރާގޮތުން ހިތްދަތިވެގެން ރޯންހުރީ ކަމަށެވެ. 

އަޅުގަނޑު އެދެމައިން ގެއަށް ގެންދިއައިމެވެ. އަދި ވަރަށް ހެޔޮކޮށް ހިތައިގެން ގެންގުޅުނީމެވެ. އެގޮތަށް އުޅެން ފެށުމުން ކުޑަދަރިފުޅުދެކެ ވަރަށް ބޮޑަށް ލޯބިވެވުނެވެ. އަމިއްލަ ދަރިއަކު ފަދައިން ލޯބިވެވުނެވެ. 

އެކުއްޖާވީ ހިތުގައި ލޯވަޅެއް އިންނަ ކުއްޖަކަށެވެ. އެކަން އެނގުމާއިއެކު ގޮވައިގެން ބެންކޮކަށްގޮސް އެކަމަށް ކުރަންޖެހޭ އޮޕަރޭޝަންވެސް ކޮށްދިނީމެވެ. އޮޕަރޭޝަން ކުރުމަށްފަހު ގަދަވެގެން އަހަރެމެން ތިބޭ ހޮޓަލަށް ގެނެވުނީ ޢަޞްރު ނަމާދު ވަގުތު ވަރަށް ކައިރިވެފައި ހުއްޓައެވެ. ހުރީ އެންމެ 15 މިނިޓެއްހައި އިރެވެ. އެހެންވެ ދެމައިން ހޮޓަލުގައި ބޭތިއްބުމަށްފަހު އެހިސާބުގައި ހުންނަ ކުޑަވަރެއްގެ މިސްކިތަކަށްދާން އަވަސްވެގަތީމެވެ. މިސްކިތަށް އަރައި ކުރީސަފުގައި ހުއްޓުނުތަނާ އިމާމް ބަންގިގޮވަން ފެށިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމާއިއެވެ. އެތައް އަހަރަކަށްފަހު ހަމަކުރިއެކޭވެސް އެއްފަދައިން އެހެރަ އަޑުއިވެންފެށީއެވެ. ފުރަތަމަ އިވުނު އަޑަކީވެސް މީހާ ﷲ އަކްބަރު ކީއަޑެވެ.

ނަމާދު ނިމިގެން ހޮޓަލަށް ގޮސް އެކުޑަދަރިފުޅުގެ ގައިގާ އޮޅުލައިގަނެވުނެވެ. ކަމުގެ ޙަޤީޤަތް ދެނެވޮޑިގެންވާނީ ﷲ އެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތުގައި އަޅުގަނޑަށް އަލުން އަޑުއިވުމުގެ ކުޅަދާނަކަން ދެއްވެވި ސަބަބަކީ އެކުޑަކުއްޖާއަށް އަޅާލައި އޮޕަރޭޝަނަށް އެހައި ބޮޑު ހޭދައެއް ކުރުމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. 

ކޮންމެއަކަސް މާލެ އައިސް ކުއްޖާގެ މަންމަ ގާތު ބުނީމެވެ. "ދެން މިގެއިން ދެމައިން ދުވަހަކުވެސް ނުކުތުމެއް ނެތެވެ. ތިބާއަށް ރުހެވޭ ކަމަކަށްވާނަމަ އަހަރެން މިހިރީ ތިބާއާއި ކައިވެނިވެސް ކުރާށެވެ. ރުހެވޭ ކަމަކަށް ނުވާނަމަ ބޭނުން މީހަކާއި ކައިވެނިކޮށްގެން މިގޭގައި އުޅޭށެވެ." 

އޭނާ އިޚްތިޔާރުކުރީ އަހުރެންނާއި ކައިވެނިކުރުމެވެ. ރުހުމުން ކައިވެނިކޮށް ދެމަފިރިން އެކުގައި ދިރިއުޅެން ފޭށީއެވެ. އެއިގެ ފަހުން މިހާރު މިއީ 12 ވަނަ އަހަރެވެ. ކަންފަތަށް އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. ހަމަ ކުރިއެކޭ އެއްފަދައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރިވަރަކުން އެހެން މީހުންނަށް އެހީތެރިވާން ފަސްނުޖެހޭށެވެ! އެއްވެސް އަމިއްލައެދުމެއް ނެތި ﷲ އަށްޓަކައި ހޭދަކުރާށެވެ. އެކަމުގައި ބަރަކާތް ލައްވަވާނެ ގޮތް ހިތަށްވެސް ނުގެނެވޭނެއެވެ. 

- ދާވޫދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން