ތެދުވެރި ލޯބީގެ އަގުވަޒަން ނުކުރެވުނު އެކުވެރިޔާއަށް އެކުވެރިއަކު ކުރި އަގުހުރި އިލަތިމާސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތެދުވެރި ލޯބީގެ އަގުވަޒަން ނުކުރެވުނު އެކުވެރިޔާއަށް އެކުވެރިއަކު ކުރި އަގުހުރި އިލަތިމާސް!

އެކުވެރިޔާއެވެ! މިއަދު ދެރަވެ ކަރުނައެޅުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެއީ ތިބާގެ ލޯބީގެ ގަހުގައި ފަރިވެފޮޅުނު މަލެކެވެ. އެމަލަށް ގެއްލުން ނުދީ ޙައްޤު ޢިއްޒަތުގައި ބެއިންދިނަމަ ދުވަހަކުވެސް މިލައި މޯޅިވުމެއް ނެތް ގޮތުގައެވެ. ތިބާ ބޭނުންވަރަށް އެމަލުގެ ރީތިކަމަށް ބަލައި އަދި އެމަލުން ވަސްބަލައި ހަދަން ބެއިންދެން އިން މަލެކެވެ. 

ނަމަވެސް އެކަންކަމަށް ތިބާ ވިސްނައިނުލީއެވެ. މޫތަކާއިއެކު ގަސް އުފުރާލައި މަގުމައްޗަށް އެއްލައިލީއެވެ. އެއިރު އެގަހާއި މަލަށް ދަހިވެތިވެ، ލިބުމަށް އެދިއެދި ކިތައް މީހުން ތިބިކަމެއް އެކުވެރިޔާއަކަށް ނުވިސްނުނެވެ. 

ގަސް މަގުމަތީގައި ޖެހުނުތަނުން ދުވެ ވާދަޖަހަމުން އައިތަނުން ފުރަތަމަ އަތުޖެހުނު މީހާ ގަސް ގެންގޮސް އިންދައިފިއެވެ. ގަސްކާނާތައް އަޅައި ފެންދީ އެބަހައްދައެވެ. ދުވަސްތަކަކަށްފަހު މާރީތި މައު ފޮޅެންފަށައިފިއެވެ. 

އެކުވެރިޔާއެވެ! އެކަމަށް ދެރަވެ ބިމަށް ތުންހަރައިގެން އިނުމަކުން ދެން ކުރާނެ އެއްވެސް ފައިދާއެއް މިހާރަކު ނެތެވެ. ހިތްވަރުކޮށްފައި ދެންވެސް ތެދުވާށެވެ! އެހެން ގަހެއް އިންދައި އެގަހުގައި މަލެއް ފޮޅުވަން މަސައްކަތްކުރާށެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ނަމަނަމަ ކުރިން ކުރިފަދަ ކުށްތައް ނުކުރާށެވެ! އަޅުވެތިނުކުރާށެވެ! ބިރުނުދައްކާށެވެ! އަޅައިލާށެވެ! ލޯބިވާށެވެ! ލޯބިދޭށެވެ! ހިތެއް އޮތީ ތިމާގެ އެކަނި ކަމަށް ނުދެކޭށެވެ! ލޯބީގެ ކާމިޔާބީ ގުޅިފައިވަނީ ރަޙުމާއި ކުލުނުގެ މައްޗަށެވެ. އެކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ! 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން