ޓެކްސީތަކުގެ އަގު ބޮޑެއްނުވާކަމަށާއި ކުރިން އަގު ކަނޑަނޭލޭ 7 ސީޓާއި 10 ސީޓުގެ ޓެކްސީ އަށް އަގެއް ކަނޑައެޅީކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު އަލީ ނިޝާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިޝާން ވިދާޅުވީ ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ލިބެމުންދިޔަ ޝަކުވާތަކަށް ބަލާއިރު، އެންމެ ބޮޑަށް އައި އެއް ޝަކުވާއަކީ ބޮޑެތި އުޅަނދުތައް ނުވަތަ 7 ސީޓާއި 10 ސީޓާއި ދެމެދުގެ ވޭނުތައް ދަތުރުކުރާ ވަކި އަގެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ބޮޑު އަގު ނަގާ މައްސަލަ ކަމަށެވެ.
އެހެންކަމުން މިނިސްޓްރީއިން ފުރަތަމަވެސް އެ މައްސަލަ ހައްލުކުރަން އަގުތައް ކަނޑައަޅަން ނިންމީ ކަމަށް ވިދާޅުވިއެވެ.
"ބައެއް ފަހަރު މީޑިއާތަކުން ފެނޭ ޓެކްސީގެ އަގުބޮޑުވެއްޖެއޭ. ހަގީގަތުގައި ޓެކްސީގެ އަގު ބޮޑުވެގެން ނޫން މިއުޅެނީ. ކުރިން އަގު ކަނޑަނޭޅި އިން ސެކްޓަރއެއް މިއީ. ކުރިން އަގު ކަނޑަނޭޅި އިނީ 7 ސީޓާއި 10 ސީޓަށް. އެއަށް އަސްލު އަގެއް މި ކަނޑައެޅުނީ. ހަގީގަތުގައި ބައެއް އެޕްތަކުގައި ބޮޑު އަގު ޖަހައިގެން މި ދުއްވާ އަގަށް އަސްލު ހެޔޮ އަގެއް ސަރުކާރުން މި ކަނޑައެޅީ." ނިޝާން ވިދާޅުވިއެވެ.
މި އަގުތަކާއި ގުޅިގެން އެޕްތަކުގައި މިހާރު ހުރި އަގުތަށް ބަދަލު ކުރުމަށް ލިއުމުން އަންގާނެކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.