ސަރުކާރުގެ ސިޔާސަތުގެ ދަށުން ޞިއްޙީ ޚިދުމަތް އެންމެންނަށް ހަމަހަމައަށް ލިބޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުން ކަމަށް އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ބަނގްލަދޭޝްގަ ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓްއަށް 30 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޑައިލޮގްގައި ވާހަކަދައްކަވަމުން ޢާއިޝަތު ޝިހާމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބާރުވެރި ކުރުވާ އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރައްޔިތުން ކުރިއަރުވާ ރަނގަޅު ފެންވަރުގެ ތަޢުލީމާއި ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުން އަންނަކަމަށާއި ވަކިން ޚާއްސަކޮށް މި ވަސީލަތްތައް އަންހެނުންނަށާއި އަދި ޒުވާނުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.
49 ޤައުމަކުން ބައިވެރިވެފައިވާ މި ކޮންފަރެންސް ވާޙަކަދަކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޞިއްޙީ ޚިދުމަތް އެންމެންނަށް ހަމަހަމައަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އުމުރުން ދުވަސްވާއިރުވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގަފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.