150 މިލިއަން ޑޮލަރުގެ ލޯނެއް ސައުދީ ފަންޑުން ރާއްޖެއަށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
150 މިލިއަން ޑޮލަރުގެ ލޯނެއް ސައުދީ ފަންޑުން ރާއްޖެއަށް ދީފި

150 މިލިއަން ޑޮލަރުގެ ލޯނެއް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) އިން ރާއްޖެއަށް ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިލޯން އެއްބަސްވުމުގައި އެސްއެފްޑީގެ ފަރާތުން ސޮއިކުރެއްވީ މިއަދު ރާއްޖެ ވަޑައިގެންނެވި އެ ފަންޑުގެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސައިދޭނެއެެވެ. އަދި ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ފޯރުކޮށްދޭނެއެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު މިއަދު ވިދާޅުވީ އެސްއެފްޑީ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަންޑެއް ކަމަށެވެ. ވަކިން ހާއްސަ ވީއައިއޭގެ ތަރައްގީގެ މަޝްރޫއަށް އަދި ސުނާމީ އިން ރާއްޖެ އަރައިގަތުމަށް ކުރި މަސައްކަތުގައި އެސްއެފްޑީ އިން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއްކަމަށާއި ސިއްހީ ދާއިރާ ތަަރައްޤީކުރުމަށް ދިން އެހީއަކީ ރާއްޖޭގެ ރަށްރަށުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފޯރުކޮށްދޭ އެހީއެއްކަމަށް ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ސީއީއޯ ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން