ބައިނަލްއަގުވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އުމުރުން 16 އަހަރުގެ ދީމާ އަކީ ކޮލިފައިންގައި ކުޅެ، އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓެވެ. އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކުޅޭ މެޗުތައް ކުޅުމަށް ފަހު ދީމާ މާލެއައީ މިއަދުއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދީމާ ފޭބުމާއެކު މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙަމަދު އަބްދުލް ސައްތާރު (ޗަމްޕީ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނެވެ.
ދީމާގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.