ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތުތައް ހުޅުވާލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް ދެއްވާ ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ ސްޓަރ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުން ކަމަށާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުން ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޝަރުތު ހަމަވާ ދަރިވަރުންނަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށައެޅޭނެއެވެ.