ބުނެލަން އޮތް ހަމައެކަނި ބަހަކީ މިލްނާގެ ވިސްނުމުން ވިސްނައި މިލްނާ ޢަމަލުކުރި ގޮތަށް ހުރިހާ އަންހެނުންވެސް ޢަމަލުކުރާނެ ނަމަ ކައިވެނި ރޫޅިގެން ދެރަވެ ނިކަމެތި ޙާލުގައި އުޅެންޖެހޭނެ އަންހެނުން ހާދަމަދުވާނެތާއެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ! ދެމަފިރިއެއްގެ ދެމެދަށް ނުވަނުމުން މިލްނާއަށް ލިބުނު ބޮޑު އުފާވެރިކަމަށްވެސް ވިސްނަވައިލައްވާށެވެ!
އަހަރެންގެ އެންމެ ޒުވާން އުމުރުގައި މަސައްކަތު މާޙައުލުން ބައްދަލުވި ފިރިހެނަކާއި ގުޅުން ބަދަހިވެ އެގުޅުން ލޯތްބަށް ބަދަލުވިއެވެ. އަދި ދެމީހުންނަކީ ވަކިނުވެވޭވަރަށް ލޯބިވެވިފައިވާ ދެމީހުންކަން ދެމީހުންނަށްވެސް ޤަބޫލުކުރެވުނެވެ.
އެހިސާބަށް ކަންކަން ދިއަފަހުން އެއްރެއަކު ރެސްޓޯރަންޓެއްގައި ކާން ތިބެފައި އޭނާ ބުނީ އޭނާއަކީ މީހެއްގެ ފިރިއެއް ކަމަށާއި 3 އަހަރުގެ އަންހެން ދަރިއަކުވެސް ހުންނަ ކަމަށެވެ. ބޭނުންވަނީ އަނބިމީހާ ދޫކޮށްލާފައިއ އަހަރެންނާއި ކައިވެނިކުރަން ކަމަށެވެ. އަދި އެކަމުގައި އަހަރެންގެ ބަހަކަށް އެދުމުން އަހަރެން ބުނީ އިތުރަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި އެކަމަށް ވަގުތުވެސް ބޭނުންވާ ކަމަށެވެ.
އެއިގެ މަހެއްހައި ދުވަސްފަހުން އޭނާ ބުނީ އޭނާހުރީ ކައިވެނިކުރަން ތައްޔާރަށް ކަމަށާއި އަހަރެންގެ ބަހަކަށް ބޭނުންވާ ކަމަށެވެ. އަދި ޖަވާބެއް ދިނުމަށް އެދޭ ކަމަށެވެ.
އެވަގުތުވެސް ހަނދާނަށް އައީ އަހަރެން ކުޑައިރު ބައްޕަ ކަންތައްކުރި ގޮތުން މަންމަ ރުއި ރުއުމެވެ. ޚުދު އަހަރެންވެސް ރުއިރުއިމެވެ. ފުރަތަމަ އެކަން ހިނގީ އަހަރެންގެ އުމުރުން 5 އަހަރުގައެވެ. އަހަރެމެން ދެމައިން ރޮއިރޮއި ތިއްބާ އަހަރެމެން ދޫކޮށްލާފައި ބައްޕަ ގެއިން ނުކުމެގެން ދިއައީއެވެ. އެކަމުގެ ހިތާމައިގާ އެތައް މަހެއްވަންދެން ދެމައިން ރުއީމެވެ.
އެއިގެ އަހަރެއްހައި ދުވަސްފަހުން ބައްޕަ އެނބުރި އައިސް މަންމަގެ ކިބައިން މާފަށް އެދުމުން މަންމަ މާފުވެސްކުރިއެވެ. އެފަހަރުވެސް ބައްޕަ އަހަރެމެންނާއިއެކު އުޅެލާފައި އަހަރެމެން ދޫކޮށްލާފައި ނުކުމެގެން ދިއައީއެވެ. އަނެއްކާވެސް އެތައް ދުވަހެއް ވަންދެން ދެމައިން ކަރުނައެޅީމެވެ.
މިކަންކަން ހަނދާންވުމުން ބުނީމެވެ. "އަހަރެން ކަލެއާއި ކައިވެނިކުރަން ބޭނުމެއް ނޫނެވެ. އެއީ އަހަރެންގެ ބައްޕަ އަހަރެމެން ދެމައިން ދޫކޮށްލާފައި ދިއުމުން އަހަރެން ރުއިރުއިން މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ވީމާ ކަލޭ ގެއިން ނުކުތުމުން ނުވަތަ ކަލެއާއި ވަކިވާންޖެހުމުން ކަލޭގެ އަންހެނުންނާއި ދަރިފުޅު ރޯނެ ރުއިން ވަރަށް ރަނގަޅަށް ވަޒަންކުރެވެއެވެ. އަހަރެންނާއިހުރެ އެހެން ބައަކު ރޮއްވަން ކީއްކުރަންހެއްޔެވެ؟ އެންމެ ކަރުތިކެއް އަޅަންޖެހެންވެސް ބޭނުމެއް ނޫނެވެ.
އެއީ ބުނަން ކިތަންމެ އުނދަގޫ ބަހެއް ނަމަވެސް އަހަރެން ބުނީ އަނބިމީހާ އާއި ދަރިފުޅާއިއެކު އުފަލުގައ އުޅުމުން ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެ ކަމަށެވެ.
ހަމަ އެދުވަސްކޮޅު އެހެން ފިރިހެނަކު ކައިވެނިކުރަން އެދުނެވެ. އޭނާއަކީ ހެޔޮލަފާ އަޚްލާޤް ރަނގަޅު އަދި ތަޤްވާވެރިއެއްކަން އެނގުމުން އޭނާދެކެ ލޯބިވުމުގެ ބަދަލުގައި އެސިފަތައްދެކެ ލޯބިވީމެވެ. އަދި ވަޤުތު ބޭކާރުނުކޮސް އަވަސް އަވަހަށް ކައިވެނިވެސް ކުރީމެވެ.
ކައިވެނިކުރިތަނާހެން ބަލިވެ އިނދެއްޖެއެވެ. ބަލިވެއިނުމުން ޑޮކްޓަރަށް ދައްކަން ދެވުނީ ކުރިން ލޯބިވިމީހާ ވެސް އޭނާގެ އަނބިމީހާ ދައްކާ ޑޮކްޓަރު ގާތަށެވެ. އެއިރު އޭނާގެ އަނބިމީހާ 2 ވަނަ ދަރިފުޅަށް ބަލިވެ އިނދެގެން ޑޮކްޓަރަށް ދައްކަންދެއެވެ. ދެމަފިރިން އެކުގައި ލޯބިން އުޅޭތަން ފެނުމުން އުފާވެއެވެ. އަދި އަހަރެންގެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށްވެސް ޤަބޫލުކުރެވުނެވެ.
ސަބަބަކީ އޭނާ އަނބިމީހާ ވަކިކުރަން އެއުޅުނީ 2 ވަނަ ދަރިފުޅަށް ބަލިވެއިނުމުން ކަމުގައިވާތީއެވެ. އެދެމަފިރިންގެ މެދަށް ވަދެވުނުނަމަ އެދެވެނީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމުގައިވާތީއެވެ. ކުޑަ ދެދަރިންނާއިއެކު އަންހެނަކު ނިކަމެތިކޮށްލުމަށްވުރެ ބޮޑު އަނިޔާއެއް އެއްވެސް އަންހެނަކަށް ނުދެވޭނެތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަހަރެން ޢަމަލުކުރިގޮތާއިމެދު ވިސްނައިލާށެވެ! އަހަރެން އޭނާއާއި ވަކިވީ އެއްވެސް ޙާލެއްގައި ލޯބިނުވާތީއެއް ނޫނެވެ. ނަމަވެސް އަހަރެންގެ ސަބަބުން އެހެންބައަކު ކަތިލެވެން ބޭނުން ނުވާތީއެވެ.
ދެވަނަ ކަމަކަށް އަހަރެން ކައިވެނިކުރި މީހާއާއި ކައިވެނިކުރީ އޭނާދެކެ ހަމަ އެއްވެސް ވަރަކަށް ލޯބިވެގެނެއް ނޫނެވެ. ކުރިން ބުނިހެން އޭނާގެ އަޚްލާޤާއި ތަޤްވާވެރިކަމަށް ބަލައިގެންނެވެ. ނަތީޖާއަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިތުގައި ލޯބި އުފެދި ވަރުގަދަވުމެވެ.
ކައިވެންޏަށް އަހަރުވީ ވިހައިގެން އޮއްވައެވެ. ވިހައިގަދަވިއިރު އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް ލޯބި އުފެދި އުތުރި އަރައެވެ. ކައިވެންޏަށް މިހާރު 12 އަހަރު ފުރިފައިވާއިރުވެސް އެއްވެސް ބަދަލެއް ނާދެއެވެ. ފިރިމީހާގެ ހެޔޮކަމާއި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ.
- މިލްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް