ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާގެ ޘާބިތުކަން ބޮޑުކަމުން "މަރުވަމުން ދަނިކޮށް" އެކުގަ ސުވަރުގެ ދިއުމުގެ ބޭނުމަގަ ކައިވެނި ކުރި އަނބިމީހާއަށް ކެންސަރުން ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 13ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވެރިޔާގެ ޘާބިތުކަން ބޮޑުކަމުން "މަރުވަމުން ދަނިކޮށް" އެކުގަ ސުވަރުގެ ދިއުމުގެ ބޭނުމަގަ ކައިވެނި ކުރި އަނބިމީހާއަށް ކެންސަރުން ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަބަދުވެސް ބުނާފަދައިން އަނިޔާވެރިން ދުނިޔޭގައި ގިނަވުމުން ތެދުވެރި ލޯބި މިހާރު ދުނިޔޭގައި ނެތްކަމަށް ބުނެވުނު ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ތެދުވެރިންވެސް އެބަތިއްބެވެ. ތެދުވެރި ލޯބިވެސް ފުހެވިގެނެއް ނުދެއެވެ. މަދީއެވެ. 

ތިރީގައިވާ ވާހަކައިން އެކަން އެނގިލައްވާނެއެވެ. ލޯބިވެރިޔާ ކެންސަރުބަލީގެ 4 ވަނަ ސްޓޭޖްގައެވެ. ދިރިއޮންނަމަވެސް "މަރުވެފައެވެ". ނުވަތަ މަރުވަނީއެވެ. ދޫނުކޮށް ކައިވެނިކުރީ އެކުގައި ސުވަރުގެ ވަނުމަށެވެ. 9 އަހަރުވީއެވެ. 2 ދަރިންނާއިއެކު ދިރިއުޅެމުން އަންނަނީ އުފަލުގައެވެ. 

މިއީ ތެދުވެރި ލޯބީގެ ލާމަޘީލު ވާހަކައެކެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ. 

ލޯބީގެ ކަންކަމަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަންކަމަށް އެންމެންވެސް ބުނާނެއެވެ. އެއީ ހަމަ ކަންކަން ބަދަލުވާތީއެވެ. އަޅުގަނޑުގެ ވިސްނުން މުޅިން ތަފާތެވެ. ލޯބިވާ މީހަކު ދެކެ ލޯބި ނުވުމަށް ކަންކަން ބަދަލުވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ތިމާ ހުރީ ޙަޤީޤީ ލޯބިވެގެންނަމަ އެފަދަ ބަދަލެއް އަންނަން ޖެހޭނީ ލޯބިވެވުނު މީހާގެ ކިބައިން އޭނާ ދެކެ އިތުރަށް ލޯބިވާން ނުޖެހޭނެ ސަބަބެއް ފެނުމުން އެކަންޏެވެ. 

ގިނައިލްމުވެރިން ބުނަނީ ލޯބިވެވުނު މީހާ ލޯބިނުވެގެން ވަކިވާން ޖެހުނު ނަމަވެސް ލޯބި ދިރިހުންނަކަމަށެވެ. ލޯބި މަރުނުވާކަމަށެވެ. ލޯބި ވެވުނު މީހާދެކެ ލޯބިވުން ހުއްޓައިލެވެނީ ވަރަށް މަދު މީހަކަށް ކަމަށެވެ. ލޯބީގެ ކަންކަމަކީ އެކި މީހުންނަށް އެކި ގޮތަށް ތަޖުރިބާކުރަންޖެހޭ ކަމަކަށްވާތީ އެކަމުގައި ބަހުސްތަކެއް ކުރާކަށް ނެތީމެވެ. އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ލޯބީގައި ކުރަންޖެހުނު ތަޖުރިބާގެ ވާހަކައެވެ.   

އަޅުގަނޑުވެސް ޒުވާނަކު ދެކެ ލޯބިވީމެވެ. އޭނާވެސް އަޅުގަނޑުދެކެ ލޯބިވެއެވެ. އެގޮތުގައި 3 އަހަރު ހޭދަވެގެންދިއައެވެ. ނަމަވެސް އެއީ ވަރަށް ޠޯހިރު ލޯތްބެކެވެ. ދެމީހުންވެސް އަނެކާގެ  ހަށިގަނޑުގެ އެއްވެސް ގުނަވަނެއްގައި ބީހިފައެއް ނުވާނެއެވެ. އެންމެ ކުޑަމިނުން އަތުގައިވެސް ހިފާލާފައެއް ނުވާނެއެވެ. 

އަޅުގަނޑުމެންގެ ގުޅުމަށް އިތުބާރުކުރާތީ ދެމީހުންގެ ޢާއިލާއިން ދަތުރުދާއިރުވެސް ދެމީހުންވެސް ގެންދެއެވެ. މިނިވަންކަމާއިއެކު އުޅެންވެސް ފުރުޞަތުދެއެވެ. ކޮންމެއަކަސް ކައިވެނި ނުކުރެވި އުޅެނިކޮށް މަތީ ތައުލީމް ޙާޞިލްކުރަން ލިބުނު ފުރުޞަތެއްގައި ލޯބިވެރިޔާ އޮސްޓްރޭލިޔާއަށް ހިނގައްޖެއެވެ. ފުރަތަމަ އަހަރު ނިންމާފައި އައިސް ކައިވެނިކުރަން މަޝްވަރާކޮށްފައެވެ. އަދި ކައިވެނިކޮށްގެން އެކުގައި ގެންދަންވެސް މަޝަވަރާކުރެވުނެވެ. 

ލޯބިވެރިޔާ ފުރިތާ 2 ވަނަ މަހު އެނގުނީ އަޅުގަނޑަށް ކެންސަރުޖެހިފައިވާކަމެވެ. ދެފަރާތުގެ ޢާއިލާއިންވެސް ނިންމީ އެކަން ލޯބިވެރިޔާއަށް ނުއެންގުމަށެވެ. އެއީ ކިޔެވުން ހުއްޓާލާފައި އަތުވެދާނެކަމަށްޓަކައެވެ. އަދި ޑޮކްޓަރުން ބުނީ 4 ވަނަ ސްޓޭޖްކަމަށާއި ފަސޭހަވުމުގެ ފުރުޞަތުވެސް ވަރަށް ކުޑަ ކަމަށެވެ. ވީމާ ދާދި އަވަހަށް މަރުވެދާނެކަމަށް ބެލެވޭއިރު އޭނާގެ ކިޔެވުމަށް ހުރަސްއެޅިދާނެ ކަމެއް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އެހެންވެ އެކަން އޭނާއަކަށް ނުއަންގަމުއެވެ. 

މަސްތައް ފާއިތުވަމުން ގޮސް އަހަރުވީއިރު އަޅުގަނޑުވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ލޯބިވެރިޔާ މާލެ އައިސް އަޅުގަނޑު ދެކެން އައުމުން ފެނުނީ ހަށިގަނޑެއް ނޫނެވެ. ކަށިގަނޑެކެވެ. ބާރަށް އައިސް އުޅޮލައިގަތެވެ. އަދި ނާންގައި ލަސްކުރީތީ އެތައް ބައިވަރު ޝަކުވާތަކެއް ކުރިއެވެ. 

އަޅުގަނޑަށް ދުނިޔޭގައި ހުރެވޭނީ ކިތަންމެ ކުޑަ ދުވަސްކޮޅަކު ނަމަވެސް، އަދި އަންތބެއްގެ ކިބައިން ލިބެންޖެހޭ އުފާވެރިކަން ނުލިބުނު ނަމަވެސް އޭނާ ބޭނުންވީ އެޙާލަތުގައިވެސް އަޅުގަނޑާއި ކައިވެނިކުރާށެވެ! އެކަމާއިމެދު ވިސްނާލަން ބުނުމުން ބުންޏެވެ. "ތިއަ ޙާލުގައި ތިބާ އޮއްވައި ކުރިން އަހުރެންވެސް މަރުވެދާނެއެވެ. މަރުވެދާނެ ކަމަށް ބަލައިގެން ދިރިއުޅުން އާރާސްތުނުކޮށް ތިބެންވެއްޖެނަމަ ތިބެންޖެހޭނީ ދުވަހަކުވެސް ކައިވެނިކުކޮށެވެ. ދުނިޔެއާއި ކޮންމެ މީހަކު ކުރިން ވަކިވިނަމަވެސް އަތުގައި ހިފައިގެން އެކުގައި ސުވަރުގެވަދެވޭނީ ދެމަފިރިންކަމުގައި ވެއްޖެނަމައެވެ. ނޫންނަމަ ކިތަންމެ ލޯބިވިނަމަވެސް އެފުރުޞަތު ނުލިބިދާނެއެވެ. އަހަރެން އެންމެ ބޮޑަށް ބޭނުންވަނީ އެފުރުޞަތެވެ. ހަމަގައިމުވެސް އެކުގައި ސުވަރުގެ ވަދެވިއްޖެނަމަ ދުވަހަކުވެސް ވަކިވާންޖެހުމެއް ނެތެވެ." 

އޭނާގެ އެވާހަކަތަކަށް ދޭނެ ޖަވާބެއް އަޅުގަނޑުގެ ކިބައިގައިވެސް އަދި ދެފަރާތުގެ ޢާއިލާގައިވެސް ނެތުމުން ކައިވެނިކުރެވުނެވެ. ރަސްމިއްޔާތުގައިވެސް އިށީނދެ އިންނަން ޖެހުނީ އެހެން މީހުންގެ އެހީތެރިކަމާއިއެކުގައެވެ. އެހައިވެސް ގައިގަ ވަރުނެތުމުންނެވެ. 

ކައިވެނިކުރުމަށްފަހު އޭނާ ކިޔަވަންދިއުން ފަސްކުރިއެވެ. އަދި އަހަރެންނަށް ޚިދުމަތްކުރަން ފެށިއެވެ. ކޮޓަރިން ޤުރްއާނުގެ ކެނޑުނަ ނުދެއެވެ. ކައިރީގައި އިނދެގެން ކިޔަވަންވެސް ކިޔަވައެވެ. މިސްކިތަށްދާން ނޫނީ ގެއިން ބޭރަކަށް ނުދެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ދަންވަރު ތެދުވެ ދަމުނަމާދުކުރެއެވެ. އަޅުގަނޑަށް ވުޟޫކޮށްދެއެވެ. އަދި އެނދުގައި އޮވެގެން ނަމާދުކުރުމަށާއި ދުޢާކުރަން ބުނެ ހިތްވަރުދެއެވެ. 

އަޅުގަނޑު ބުނަންވީ ކީކޭކަން އަޅުގަނޑަކަށް ނުއެނގެއެވެ. މިދައްކަނީ މީގެ 9 އަހަރު ކުރީގެ ވާހަކައެކެވެ. ކައިވެނީގެ އެއް އަހަރުފަހުން ފިރިމީހާ ކިޔަވަންދިއައީ އަޅުގަނޑު ގޮވައިގެންނެވެ. 2 އަހަރު ވަންދެން އޮސްޓްރޭލިއާގައި ތިބެ ފިރިމީހާގެ ކިޔެވުން ފުރިހަމަކުރުމަށްފަހު ދިރިއުޅެމުން މިދަނީ އޮސްޓްރޭލިއާގައެވެ. މިހާރު 2 ދަރިންވެސް ވަނީ ލިބިފައެވެ. 

އަޅުގަނޑަކީ އެންމެ ފުރިހަމަ ޞިއްޙަތުގައި ހުރި އަންހެނަކު ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ދިރިއުޅެމުން މިދަނީ ދަރިންނާއި ފިރިމީހާގެ ކަންކަންވެސް ކޮށްދީގެންނެވެ. ސާވަންޓަކު ގެންގުޅުނު ނަމަވެސް އަޅުގަނޑުވެސް ކަންކަން ކުރަމެވެ. 

ޑޮކްޓަރުން ބުނަނީ އަދިވެސް ބަލި އެބަހުރި ކަމަށެވެ. ބޭހެއްވެސް ކަމެވެ. އެއީ ކުރަންޖެހޭ ކަމަކަށްވާތީ ބޭސް ބޭނުންކުރިނަމަވެސް އަޅުގަނޑުގެ ޑޮކްޓަރަކީ ފިރިމީހާއެވެ. ފަރުވާއަކީ ދެމަފިރިން އެކުގައި ކުރާ އަޅުކަމެވެ. ދިރިމިހުރެވެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުންނެވެ. އަޅުގަނޑަށް ލިބުނު ހުރިހާ ކާމިޔާބީއެއް ލިބުނު ބޭހަކީ ފިރިމީހާ އަޅުގަނޑުދެކެވާ ލޯތްބެވެ!

 

- ނީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް-

 

 

 

މިއަދު އޮންލައިން