ދުނިޔެއިން ފެންނަ ކަންކަމަށް ވިސްނުމުގެ ބާރު ނެތްނަމަ ސިކުނޑީގައި ބޮޑު އުނިކަމެއް ހުންނާނެއެވެ. ސިކުނޑި ދެއްވަވާފައިވަނީ ވިސްނައި ފިކުރުކުރުމަށެވެ. ބެދެން އަންނަ މަޅިތަކުން ސަލާމަތްވެހުރުމަށެވެ.
އެހެންކަމަށްވާއިރު ތިމާގެ އަނބިމީހާ ދެރަކޮށް ނިކަމެތިކޮށްލާފައި އެހެން އަންހެނަކާއި ގުޅެން މަސައްކަތްކުރާ އަނިޔާވެރިންގެ ދަންތުރައިން ސަލާމަތްވެ ތިބެން އެނގެން އެބަޖެހޭ ނޫން ހެއްޔެވެ؟ އެކަން ނުކުރެވޭނަމަ ބުއްދީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ބުއްދީގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުން ކުރާ ބޮޑު ފައިދާ އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަހަރެންނަށް އޭނާދެކެ ލޯބިވެވުނީ މީހެއްގެ ފިރިއެއްކަން ނުއެނގިހުރެއެވެ. އޭނާއަކީ މީހެއްގ ފިރިއެއްކަން އެނގުނީ ލޯބިވެގެން އުޅޭތާ އަހަރުފުރި އެންވާސަރީވެސް ބޭއްވިފަހުންނެވެ. އެކަން އެނގުނު ހިސާބުން އޭނާ އާއި ދުރުހެލިވާން މަސައްކަތްފެށީމެވެ. އަދި އެވާހަކަ ރީތިކޮށް އޭނާގާތު ބުނީމެވެ.
ދުވަސްކޮޅެއް ފަހުން އެއްރޭ އަޚުގަނޑާއި ބައްދަލުކޮށްފައި ބުނިވާހަކައަކު ދިއައީ ތަރިބުރައިގެންނެވެ. ބުނީ އަހަރެމެން ދިރިއުޅުމަށްޓަކައި އޭނާގެ އަނބިމީހާގެ ހޯދުމުގެ ބޭނުމުގައި އަނބިމީހާއަށް ބޭހެއްދީ ބުއްދިގޯސްކުރުވާފައި މޮޔައިންގެ ހޮސްޕިޓަލަކަށް އެދުވަހު ލައިފިން ކަމަށެވެ.
އަހަރެން އޭނާއަށް ޖަވާބެއް އެވަގުތަކު ނުދެމެވެ. ނަމަވެސް އެނބުރި ގެއަށް ގޮސްފައި މެސެޖެއް ކުރީމެވެ.
"އިރެއްގައި ލޯބިވެވުނު އިންސާނެއްގެ ސިފައިގައި ހުރި ފުރޭތައާއިއެވެ. ކަލެއަކީ މީހެއްގެ ފިރިއެއްކަން އެނގުނު ހިސާބުން ކަލެއާއި ވަކިވުމުގެ މަސައްކަތް ފެށިވާހަކަ ކަލޭގާތު ރީތިކޮށް ބުނީމެވެ. އަދި އަނބިމީހާ އާއިއެކު ލޯބިން އުޅުމަށް ވަރަށް ގިނައިން ނަޞޭޙަތްދިނީމެވެ.
ނަމަވެސް ތިއަ ބުނީ އަނބިމީހާއަށް ބޭހެއްދީ މޮޔަކޮށްލާފައި މޮޔައިންގެ ހޮސްޕިޓަލަކަށްލީ ވާހަކައެވެ. އަދި އެކަންކުރީ އޭނާގެ ތަނަވަސްކަމާއި ގެ ދަމައިގަތުމުގެ ބޭނުމުގައި ކަމަށެވެ. ވީއިރު އަހަރެންފަދަ ފަޤީރު އަންހެނަކާއި ކައިވެނިކުރާތަނުން އެހެން އަހެނަކަށް ހިތް ދީފައި އަހަރެންނަށް ހަދާނީ ކިހިނަކުންހެއްޔެވެ؟
ތިއައީ މިހައިތަނަށް އަހަރެން އެންމެ ދެކެން ބޭނުންވި، އަހަރެން އެންމެ ލޯބިވާ މީހާއެވެ. ނަމަވެސް މިހާރު އަހަރެންނަށް ކަލޭ ފެންނަނީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ފުރޭތައެއްގެ ސިފައިގައެވެ.
ޢުމުރަށް ސަލާމް! ދެން އަހަރެންގެ މޫނު ދެކެން މަސައްކަތްނުކުރާތި! އަދިވެސް އެއްފަހަރު ޢުމުރަށް ސަލާމް!"
ޖަވާބުގައި އޭނާ އެކަންކުރި ގޮތާއި އަހަރެންނާއި ނުލައި ނުއުލެވޭނެ ވާހަކަ ފަދަ އެތައް ވާހަކަތަކެއް މެސެޖުކުރިއެވެ. ޖަވާބު ނުދީ ގުޅީ ފުލުހުންނަށެވެ. ފުލުހުން ގެނެސް މެސެޖްތައް ދެއްކީމެވެ. ނަތީޖާއަކަށްވީ އޭނާ ބަންދުކޮށް 20 އަހަރުގެ ޖަލުހުކުމެއް އިއްވުމެވެ.
އެއިގެ 6 މަސްދުވަސްވަރު ފަހުން އަންހެނަކު އަހަރެންނާއި ބައްދަލުކުރިއެވެ. ބުނީ އޭނާއަކީ އަހަރެންގެ ކުރީގެ ލޯބިވެރިޔާ ހޮސްޕިޓަލަށްލީ އަނބިމީހާކަމަށެވެ. ބޭސްކޮށްގެން ރަނގަޅުވީކަމަށެވެ. އަދި އޭނާއަށް އެހާލަތުން ސަލާމަތްވެވުނީ އަހަރެންގެ ސަބަބުންކަމަށްވާތީ ހަދިޔާއެއްގެ ގޮތުން އޭނާގެ ގެ އާއި ފައިސާކޮޅެއްވެސް އަހަރެންނަށް ދޭނެކަމަށެވެ. އަދި ބައްޕަގެ ކުންފުނިން ރަނގަޅު ވަޒީފާއެއްވެސް ހޯދައިދޭނެ ކަމަށެވެ.
އަހަރެން މިއަދު މިހުރީ ދެވަނައަށް ލޯބިވީ މީހާ އާއި ކައިވެނިކޮށްގެންނެވެ. ދިރިއުޅެނީ އޭނާ ދިން ގޭގައެވެ. އެއީ ތަންކޮޅެއް ކުޑަ ނަމަވެސް 8 ކޮޓަރީގެ ވަރަށް ރީތި ގެއެކެވެ. އަދި އަހަރެންނަކީ އޭނާގެ ބައްޕަގެ ޕަރސަނަލް ސެކެޓްރީއެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. އަދި އަހަރެންނާއިމެދު އަމަލުކުރަނީ ދަރިއަކުފަދައިންނެވެ. އެއީ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވުނީ އަހަރެންގެ ސަބަބުން ކަމުގައިވާތީއެވެ.
މިއީ އަޅުގަނޑުގެ އެކުވެރިއަކު އަޅުގަނޑާއި ހިއްޞާކުރި ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިއީ އަޅުގަނޑަށް ވަރަށް ޢިބްރަތްތެރި ވާހަކައަސްވީފަދައިން މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ޢިބްރަތްތެރި ވާހަކައަކަސްވާނެކަމަށް އުންމީދުކުރަމެވެ.
ޚާއްޞަކޮށް ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް އަނބިމީހާއަށް އަނިޔާވެރިވާ ފިރިންނަށް މަރުޙަބާ ކިޔައިގެން ނުވާނެކަން އަންގައިދޭ ވާހަކައެކެވެ. ބަކަރިފުމޭފަދައިން އެއްފުޅަށްމަތިން އަނެއްފުޅަށް މަތިން ފުމުމުގެ ފުރުޞަތު ދީގެން ނުވާނެކަން ވަރަށް ރަނގަޅަށް ބުނެދޭ ވާހަކައެކެވެ.
މިވާހަކަ އަޅުގަނޑަށް ފޮނުވީ އަޅުގަނޑަށްވެސް މީހެއްގެ ފިރއަކު ދެކެ ލޯބިވެވުމުންނެވެ. މިވާހަކަ ކިޔާފައި އަޅުގަނޑުގެ ވިސްނުން ބަދަލުކުރީމެވެ. ވީމާ މިވާހަކައިން އިތުރު ބައަކަށް ފައިދާ ކުރާނެ ކަމަށް އުންމީދދުކުރަމެވެ.
- ޝަމްސިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް