ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ ފަރާތުން ބާއްވާ، އެ ޖަމިއްޔާގެ މެމްބަރުންގެ ތެރެއިން، އޭޝިޔާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ރައީސުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މޮންގޯލިއާގެ ވެރިރަށް އުލާންބަޓާރު ގައި، މެއި 19 ން 24 އަށް ބާއްވާ " ވޯލްޑްޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުން 2024" ގައި ދިވެހިރާއްޖެ ތަމްޞީލުކުރަނީ، ދިވެހިރާއްޖޭގެ ޝެފުންގެ ޤައުމީ ޖަމިއްޔާ 'ޝެފްސް ގިލްޑް އޮފް މޯލްޑިވްސް' ގެ ރައީސާ މަރްޔަމް ނޫރައްދީނު އާއި އެ ޖެމިއްޔާ ގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި ވެކްސް ކޮންޓިނެންޓަލް ޖަޖު މަރްޔަމް ޝިއުނާ އާއި 2 ބޭފުޅުންނެވެ.
"ވޯލްޑްޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުން 2024" ގައި ދިވެހިރާއްޖޭގެ އިތުރުން، މޮންގޯލިއާ، ކެމްބޯޑިއާ، ޗައިނާ، ހޮންގކޮންގ، އިންޑިޔާ، އިންޑޮނޭޝިޔާ، މެލޭސިޔާ، ނޭޕާލް، ފިލިޕީންސް، ސިންގަޕޯރ، ސައުތުކޮރެޔާ، ސްރީލަންކާ، ޓައިވާން، ތައިލެންޑް، ވިއެޓްނާމް، މި ޤައުމުތަކުގެ ރައީސުންގެ އިތުރުން، ޝެފުންގެ މައި ޖަމިއްޔާ ވެކްސްގެ ފަރާތުންވެސް މި ބޮޑު ބައްދަލުވުމުގައި ބައިވެރިވެއެވެ. ވަކީން ޚާއްސަ ގޮތެއްގައި ވެކްސް ގެ ރައީސް މރ.ތޯމަސް ގޫގްލަރ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި ކޮންމެ ޤައުމެއްގެ 'ކަންޓްރީ ރިޕޯޓް' ހުށަހެޅުން އޮންނާނެއެވެ. ދިވެހިރާއްޖޭގެ ކަންޓްރީ ރިޕޯޓް ހުށަހަޅުއްވާ ދެއްވާނީ ރައީސާ މަރްޔަމް ނޫރައްދީނުއެވެ.
"ވޯލްޑްޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުން 2024" ގައި، ކަންޓްރީ ރިޕޯޓްތަކުގެ އިތުރުން، މަޝްވަރާ ކުރެވޭ މުޙިއްމު ކަންތައްތަކުގެ ތެރޭގައި، މިއަހަރު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ޝެފުންގެ އެންމެ ބޮޑު ބައްދަލުވުން "ޝެފްސް ކޮންގްރެސް 2024" ގެ މުހިއްމު ކަންތައްތަކާއި، އޭޝިޔާ ބައްރުގެ ޤައުމުތަކަށް ކަލިނަރީ ދާއިރާއިން ކުރިމަގުގައި ހުރި ފުރުޞަތުތަކާއި، އިޖްތިމާޢީ ޒިންމާގެ ތެރެއިން ޝެފުންނަށް ކުރެވެން ހުރި ކަންތައްތަކާއި، އަދި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާއިބެހޭ ގޮތުން މުޙިއްމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.
"ދިވެހި ޝެފުން އިތުރަށް ތަމްރީނުކުރުމާއި، ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތަކާއި ޗެލެންޖުތަކުގައި ވާދަކުރުމަށް އިތުރު ގިނަ ފުރުޞަތުތައް ހޯދައިދިނުމަށް މި ބައްދަލުވުމުގައި ވަރަށް ބޮޑަށް ވަކާލާތުކޮށް މަސައްކަތްކުރާނަން. ދިވެހި ޝެފުންނަކީ މިހާރު ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރަން ވަނަތަކެއް ހާޞިލުކުރަމުން އަންނަ ކުޅަދާނަ އަދި ހުނަރުވެރި ބައެއް" ކަމުގައި ރައީސާ މަރްޔަމް ނޫރައްދީނު ވިދާޅުވިއެވެ.
2016 ވަނަ އަހަރު އުފެދުނު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ކުރިއަރުވާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ، ވަރަށް ހަރަކާތްތެރި ޖަމިއްޔާއެކެވެ.