ގިނަ އެކަނިވެރި މައިން ދަރިން ބަލައި ތަރުބިއްޔަތުކުރަނީ ވަރަށް ބޮޑެތި ޤުރްބާނީތައް ވެގެންނެވެ. ބުރަ މަސައްކަތްކޮށްގެންނެވެ. އަދި އެވަރަކުންވެސް ފުއްދައެއް ނުލައެވެ. ދަރިންގެ މަތީތަޢުލީމަށްޓަކާ ދަރަނިވެރިވެގެންވެސް ފައިސާ ލިބެން އޮތްނަމަ ޙޯދައިގެން ކިޔަވައިވެސްދެއެވެ.
ތިރީގައި އެވަނީ ދަރިފުޅަށްޓަކައި މިބުނެވުނު ހުރިހާ ކަންކަން ކުރި ނަމޫނާ އެކަނިވެރި މައަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ. ކިޔުންތެރިޔާ މުއުމިނާގެ ކޮމެންޓަކީ ކޮންމެ އެކަނިވެރި މައކަށް ވަރަށް ބޮޑު ހިތްވަރެކެވެ. އިން ޝާ ﷲ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!
އޭނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިފުޅަށް 3 އަހަރުގައި ވަރިކޮށްލާފައި ދިއަގޮތަށް ފިރިމީހާގެ ހިލަނބެއްވެސް ނުވެއެވެ. ދަރިފުޅު ގެންގުޅެ ބޮޑުކުރީ މައިމީހާ އެކަނިމާ އެކަންޏެވެ. އަދި ދަރިފުޅަށް ކިޔަވައިދީ މޮޅު ކުއްޖަކަށްހެދީވެސް މަންމަގެ މަސައްކަތުންނެވެ.
ދަރިފުޅު ކައިވެނިކުރާ އުމުރަށް އެޅުނުތަނާ ތަނަވަސް އަންހެނަކު އޭނާ އާއި ކައިވެނިކުރަން ނިންމައި ކައިވެނިކުރާނެ ދުވަސްވެސް ދެމީހުން ކަނޑައެޅިއެވެ. ކައިވެނީގެ ހަފްލާ ބާއްވާނެ ތަންވެސް ކަނޑައަޅައި ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސިއެވެ. ނަމަވެސް ޙައްލުނުކުރެވި އެއް މައްސަލަ އޮތެވެ.
އެއީ ފިރިހެންކުއްޖާގެ މަންމައާއި އަންހެން ކުއްޖާ އާއި ބައްދަލުނުވާކަމެވެ. އަބަދުވެސް ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ. އެންމެފަހުން މަންމަ އުޅެނީ ބަލިވެ ކަމަށާއި ކައިވެނީގެ ޙަފްލާއަށް ދެވޭވަރުވެސް ނުވެދާނެ ކަމަށް ބުންޏެވެ. ފިރިހެން ކުއްޖާ މިގޮތަށް ކަންކަން އޮޅުވާލަމުން ގެންދިއައީ ިރިއުޅުން ހުރި ނިކަމެތިކަމުންނެވެ. މަންމަގެ އަތުގައި ލާނެ އެކަށީގެންވާ ފެންވަރުގެ ރީތި ހެދުމެއްވެސް ނެތުމުންނެވެ. ކިޔަވައިދޭން މަންމަ ނެގި ލޯނު އަދިވެސް އަދާނުކުރެވޭތީ ވަރަށް ދަތިޙާލުގައި އުޅެން ޖެހުމުންނެވެ. އަދި ދިރިއުޅުމުގެ ޙާލަތު އެނގިއްޖެނަމަ ކައިވެނިވެސް ނުކޮށްފާނެކަމުގެ ބިރު އިޙްޞާޞްކުރެވޭތީއެވެ. އެހެންވެ މަންމަ އާއި ދެމައިން ދިރިއުޅޭ ޙާލަތު އަންގަން ބޭނުންވީ ކައިވެންޏަށް ފަހުގައެވެ.
އަންހެން ކުއްޖާއަށް ފިރިހެން ކުއްޖާގެ ވާހަކަތަކުން ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހީވެގެން ދެމައިން ދިރިއުޅޭ ގެއަށް ގޮސް ކަންކަން ބެލިއެވެ. މަންމަ އާއި ބައްދަލުވެ ކަންކަން އެނގުމުން ފޫހިވުމުގެ ބަދަލުގައި ދެމައިން ދެކެވެސް ލޯބިވުން އިތުރުވީއެވެ.
"އަހަރެންގެ ފިރިމީހާގެ މަންމައަކީ ދަރަނިވެރިއަކަށް ވާކަށް ނުޖެހޭނެ" ކަމަށްބުނެ ދަރަނިވެސް ދައްކައިދިނެވެ. އަދި މަންމަ ގޮވައިގެން ބާޒާރަށް ގޮސް އެންމެ އަގު ބޮޑު ހެދުން ގަނެދިނެވެ.
ހަފްލާ ބޭއްވި ރޭ އަންހެން ކުއްޖާއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އައިއިރު ގާތުގައި އަންހެނަކު ހުއްޓެވެ. ވަދެގެން އައީ ދެއަންހެނުން އަތުގައި ހިފައިގެންނެވެ. ފިރިހެން ކުއްޖާއަށް އެއީ އޭނާގެ މަންމަކަން އެނގުނީވެސް ގާތުގައި ހުއްޓުމުންނެވެ. އެއީ އޭނާއަށް ކަންކަން ކޮށްދިން ވާހަކަ އޭނާއަށް ސިއްރެއްގެ ގޮތުގައި މަންމަ އެވަގުތާއި ހަމައަށްވެސް ބޭއްވީތީއެވެ.
އަންހެން ކުއްޖާ އެހައި ލޯބިން ކަންކަން ކޮށްދިން އެންމެ ބޮޑު ސަބަބަކީ ފިރިމީހާދެކެ ވާލޯބިންނެވެ. ދެވަނަ ސަބަބަކީ އަމިއްލަ މަންމައަކު ނެތި އަހަރުތަކެއް ފާއިތުވިފަހުން އަޚްލާޤް ރަނގަޅު މަންމައަކު ލިބުމެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަނބިމީހާ ނުވަތަ ފިރިމީހާ އެހައި ނިކަމެތިނަމަ މީގެ އަނެއްކޮޅަށްވެސް ކަންކަން މެދުވެރިވެއެވެ. ގިނައިން ކަންކަން މެދުވެރިވަނީވެސް އަނެއްކޮޅަށެވެ. ނަމަވެސް އެއީ އަނެކާގެ މައްޗަށް ހިތުގައި ލޯބި ނޯންނާތީއެވެ. ޙަޤީޤީ ލޯބި އޮންނަނަމަ ކަންކަން މެދުވެރިވާނީ މި ވާހަކައިގައި މެދުވެރިވި ގޮތަށެވެ.
ދެން މައިންނަށް، ޚާއްޞަކޮށް އެކަނިވެރި ޙާލުގައި ދަރިން ބަލާ މައިންނަށް ބުނެލަން އޮތީ ކިތަންމެ ނިކަމެތި ޙާލުގައި ދަރިން ގެންގުޅެން ޖެހުނު ނަމަވެސް ﷲ އަށް ބިރުވެތިވެގެން ހުރެ ވީހައި ރަނގަޅަކަށް ކަންކަން ކުރާށެވެ. ފަހަރެއްގައި ދަރިއަކު އެކަން ނުދަނެފާނެއެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. ﷲ ދެނެވޮޑިގެންވެއެވެ. ލައްވަވާނީ ހެޔޮ ރަޙްމަތެވެ. އިން ޝާ ﷲ
- މުއުމިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް