މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫޢުގެ ދަށުން ވެސްޓްޕާކާ ހަމައަށް ކޮންކްރިޓް މަސައްކަތް ނިންމައިފިއެވެ.
ދިފާޢީ ވުޒާރާއިން ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، އެ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މަޝްރޫޢުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބު ހިއްސާކުރައްވާފައެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ ވެސްޓް ޕާކްގެ ކަންމައްޗާއި ހަމައަށް ކޮންކްރީޓްގެ މަސައްކަތްތަކާއި، ޝަޓަރިން އަދި ކަލްވާޓް ފްރޭމްގެ މަސައްކަތް ނިމިފައި ކަމަށެވެ. އަދި ދެން މަސައްކަތް ކުރުމަށް ޖެހިފައިވާ މަގުތައް ބަންދުކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް، އެންމެ ފަހު ސެގްމެންޓްގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.