މާލީ ހާލަތު ރަނގަޅުކުރުމަށް މިދަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި "ސްކޭލިން ބެކް އެންޑް ރީ-ބިލްޑިންގ ބަފާސް" ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި މާލީ ވަޒީރު ޑރ. ޝަފީޤް ވިދާޅުވީ މިދިޔަ އަހަރު ނިމުނު ރާއްޖޭގެ އިޤްތިސާދަށް އަންނާނެ ކަމަށް ލަފާކުރި މިންވަރަށް އިޤްތިސާދު ކުރިއަރާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެ އަހަރުތެރޭ ސަރުކާރުން އަޅަން ރޭވި އިސްލާހީ ފިޔަވަޅުތައް އަޅާފައި ނުވާތީކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރިފޯމް ޕްރޮގްރާމްތައް ތަންފީޒުކޮށްފައިނުވުމުން އިޤްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުރިއަރާފައިނުވޭ، އެެހެންނަމަވެސް މިހާރު މިދަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އުޅުމަށް ތައްޔާރުވަމުން" ވަޒީރު ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވަނީ މިދިޔަ އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް އިޤްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށް ބުނެފައެވެ. ފަތުރުވެރިން އައި އަދަދަށް ކުރިއެރުން ލިބުން ނަމަވެސް، ޤައުމީ އުފެއްދުންތެރިކަމަށް އެވަރުގެ ކުރިއެރުމެއް އައިސްފައި ނުވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ފައިސާގެ މިންވަރު ދަށްވުމުން ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.