ކައްކާ ގޭސް ރާއްޖޭގައި ފަސް މަސް ދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވް ގޭހުން ބުނެފިއެވެ.
މިކަމާގުޅިގެން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ލިކުއިޑް ޕެޓްރޯލިއަމް ގޭސް ނުވަތަ ކައްކާ ގޭސް މިވަގުތު ރައްކާކުރެވެނީ 35 ދުވަހަށް ބޭނުންވާ މިންވަރަށް ކަމަށާއި އެކަމަކު އެ ކެޕޭސިޓީ އިތުރުކޮށް ފަސް މަސް ދުވަހަށް ބޭނުންވާ ގޭސް ރާއްޖޭގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.
ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ކައްކާ ގޭސް 5 މަސްދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެކަމަށެވެ. އަދި 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއްގައި ސްޓޯރެޖް ބޮޑުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން މެދުއިރުމަތީގައި ހަނގުރާމަތައް ހިނގި ނަމަވެސް ގޭސް ލިބުމުގައި ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ މޯލްޑިވް ގޭހުގެ ގދ. ތިނަދޫ ޕްލާންޓް ވެސް އަލުން އޮޕަރޭޓް ކުރަން ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ފެށުމަކީ އަމާޒެއް ކަމަށާއި އޭރުން ދެކުނުގެ އަތޮޅުތަކަށް ކައްކާ ގޭސް ފޯރުކޮށްދިނުން އަވަސްވެ އަގަށްވެސް ހެޔޮ ބަދަލެއް އައުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވިދާޅުވި އެވެ.