ޢިބްރަތްތެރި ވާހަކަ: ތަނަވަސް ޒުވާނާއާ ކައިވެނިކުރި ދައްތަ ހިތާމަކޮށް ކަރުނައަޅަނީއެވެ! ތަނަވަސްކަމެއް ނެތް ފަޤީރު ޒުވާނާއާ ކައިވެނިކުރި ކޮއްކޮ އުފަލުން ހެވިދިލިފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް ޒުވާނާއާ ކައިވެނިކުރި ދައްތަ ހިތާމަކޮށް ކަރުނައަޅަނީއެވެ! ތަނަވަސްކަމެއް ނެތް ފަޤީރު ޒުވާނާއާ ކައިވެނިކުރި ކޮއްކޮ އުފަލުން ހެވިދިލިފައެވެ!

އުފާވެރިކަން ލިބޭނީ ތަނަވަސްކަންހުރި މީހަކާއި ކައިވެނިކުރެވިގެނަކަމަށް ޤަބޫލުކުރާ މީހުން ވަރަށް ގިނައެވެ. އަދި ދަރިން ތަނަވަސް މީހުންނާއި ކައިވެނިކުރުވަން ބޭނުންވާ މައިންބަފައިންވެސް ވަރަށް ގިނައެވެ. އެހެންކަމުން މިގެނެސްދެނީ އެގޮތަށް ވިސްނާ އެންމެންނަށް އަގުހުރި ފިލާވަޅެކެވެ. އިން ޝާ ﷲ  

އަޅުގަނޑުމެންގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. މަންމަ އާއި ބައްޕަގެ ތިބި ހަމައެކަނި އަންހެން ދަރިންނަކީ އަހަރެމެން ދެބެއިންނެވެ.  

އެއިރު އަޅުގަނޑުގެ އުމުރަކީ 23 އަހަރެވެ. ދައްތަގެ އުމުރަކީ 25 އަހަރެވެ. މަންމަމެން ބޭނުންވަނީ ދެބެއިންވެސް ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރުވުމަށެވެ. މަންމަމެންގެ ބަސް ޤަބޫލުކޮށް ދައްތަ ކައިވެނިކުރީ ތަނަވަސް މީހެއްގެ ދަރިއަކާއިއެވެ. އެކަމުގައި އަޅުގަނޑު މަންމަމެންގެ ބަސް ޤަބޫލެއް ނުކުރަމެވެ. އަޅުގަނޑު ކައިވެނިކުރީ ތަނަވަސްކަމެއް ނެތް ޒުވާނަކާއިއެވެ. ދެކައިވެނިވެސް ކުރެވުނީ ދާދިއެކުއެކުގައެވެ.  

ކައިވެންޏަށްފަހު ބައްޕަ ކޮންމެ ކުއްޖަކަށް ފިހާރައެއް ދެއްވިއެވެ. ހިންގޭނެހައި ފައިސާއާއިވެސް އެކުގައެވެ. އަދި އެޕާޓްމަންޓެއްވެސް ދެއްވާފައި ބުނުއްވީ ދެން އެއްވެސް ފައިސާއެއް އިތުރަށް ނުދެއްވާނެ ކަމަށެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުމަށެވެ.  

ދެން މިކިޔައިދެނީ އެއިގެ ފަހުން 5 ވަނަ އަހަރު މުދަލު ޒަކާތް ދައްކަންވެގެން ހިސާބުކުރިއިރު ކަންތައްތައް ހުރި ގޮތެވެ. ދައްތަގެ ފިހާރައިގާ ހުރި މުދަލަށްވުރެ ދަރަނި ބޮޑެވެ. ލޯނުމައްޗަށް ލޯނުވަނީ ނަގައިފައެވެ. އަޅުގަނޑުގެ އިތުރު ފިހާރައެއް ހުއްޓެވެ. ދެފިހާރައިގެވެސް އެއްވެސް ދަރަންޏެއް އަދި ލޯނެއް ވެސް ނެތެވެ. ރަނގަޅު އަދަދެއް ޒަކާތައްވެސް ދެއްކީމެވެ.  

އެކަން އެނގިލެއްވުމުން ބައްޕަ އަޅުގަނޑުމެންނާއި ބައްދަލުކުރައްވާފައި އެދިލެއްވީ ބައްޕަގެ ހުރި 3 ފިހާރަވެސް އަޅުގަނޑުމެން ހިންގައި ދިނުމަށެވެ. ލިބޭ ފައިދާއިން އަޅުގަނޑުމެންނަށް ކޮމިޝަނެއް ދެއްވާނެ ކަމަށްވެސް ބުނުއްވިއެވެ. އެގޮތަށް ބަދަލުކުރައްވަން ބައްޕަ ބޭނުންވެލެއްވީ އަޅުގަނޑުމެންގެ ޚާއްޞަކޮށް ފިރިމީހާގެ ހިންގުންތެރިކަމާއި މުރާލިކަން ހުރުމުން ކަމަށް ބުނުއްވިއެވެ. އެއިގެ އިތުރުން އެގޮތަށް އެދިލެއްވީ މަސައްކަތާއި ދުރުވެލައްވައި މިސްކިތުގައި ގިނަ ވަގުތު ހޭދަކުރައްވަން ބޭނުންވެލައްވާތީ ކަމަށްވެސް ބުނުއްވިއެވެ.  

ދެން އޮތީ ދެބެއިންގެ ދިރިއުޅުމެވެ. ދައްތަ އާއި ފިރިމީހާ އަބަދުވެސް އުޅެނީ ކޮންމެވެސް މައްސަލަތަކެއް ޖެހިގެންނެވެ. ދައްތަގެ ފިރިމީހާ އުޅޭ ގޮތުންނެވެ. ރޭގަނޑު ނިދަން އަންނަލެއް ލަސްކަމުންނެވެ. ދަރިންނާ ދައްތަގެ ކަންކަމަށް އަޅައިނުލާތީއެވެ. ހީވާނީ ދެންމެ ދެންމެ ވަރިވެދާނެހެންނެވެ.  

އަޅުގަނޑުމެންގެ މެދުގައި އެފަދަ އެއްވެސް ކަމެއް ނޯވެއެވެ. ކައިވެނީގެކުރިން ދެމީހުންވީ ލޯބި އަންނަނީ އިތުރަށް ވަރުގަދަވަމުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުމެންގެ ޙަޔާތުގެ މިކަންކަން ޙިއްޞާ މިކުރަނީ ފަޤީރަކާއި ކައިވެނިކުރަން އުޅޭނަމަ ތަނަވަސްކަން ހުރި ގިނަ މައިންބަފައިން ބޮޑާހޭކުމަކީ ޢާންމުކަމަކަށްވާތީއެވެ. ނުރުހި ގެއިން ބޭރަށްލާތަންވެސް އަންނާތީއެވެ. އަޅުގަނޑުގެ އަމިއްލަ ހަޔާތުގެ ތަޖުރިބާއަށް ބަލައި ދެންނެވެން އޮތީ އެއީ ހަމައެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.  

ޞަދަޤާތްކުރުމާއިބެހޭ ގޮތުން މިއަދުނޫހުގައި ވަރަށް ގިނައިން ލިޔާތީ އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ބައްޕަ އަޅުގަނޑުމެންނަށް ފިހާރަ ދެއްވިއިރު ހުރި ކެޕިޓަލަށްވުރެ ގިނައިން އަޅުގަނޑުމެން މިހާރުވެސް ވާނީ ޞަދަޤާތް ކޮށްފައެވެ. މުދައު މަދެއް ނުވެއެވެ. ސޭލްސް ދަނީ އިތުރުވަމުންނެވެ. އިން ޝާ ﷲ  

- ލައިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން